Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު ޝަރުއީ ދާއިރާ

ޒިޔަދަމް މަރާލި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ

ލ.މުންޑޫ ނޫވިލު، އަލީ ޒިޔަދަމް

މީގެ 7 އަހަރު ކުރިން ލ.މުންޑޫ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފިއެވެ.

މާޗް 20، 2015 ވަނަ ދުވަހުގެ ރޭ ލ. މުންޑޫގައި ޒިޔަދަމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އެރަށު މުހައްމަދު ޝަނޫން އަދި އަލީ ސިފާމްގެ މައްޗަށެވެ.

ޝަނޫންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ، ބިރު ދެއްކުމުގެ ކުށުގެ ދައުވާ އަދި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. އަދި ސިފާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައަށް 7 އަހަރު ފަހުން ހުކުމް ކުރުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ދެމީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅިނަމަވެސް، މި މައްސަލައަކީ ގަސްތުގައި މީހަކު މެރުމުގެ މައްސަލައަކަށް ވުމުން ޒިޔަދަމްގެ ވާރިސުން ހާޒިރުވެފައިނުވާތީ، މިއަދުގެ އަޑުއެހުމުގައި އެމީހުންގެ މައްޗަށް ހުކުމެއް ކޮށްފައެއް ނުވެއެވެ. އެހެންކަމުން ވާރިސުން ހާޒިރުކުރުމަށް ފަސް ދުވަހުގެ މުއްދަތެއް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ދައުލަތަށް ދެއްވާފައިވެއެވެ.

އަދި އަދަބާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް 10 ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޒިޔަދަމް މަރުވެފައިވަނީ ވަޅިއަކުން އޭނާގެ ބުރަކައްޓަށާއި، ފަލަމަސްގަނޑަށް ދިން ހަމަލާގެ ސަބަބުންނެވެ.