Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު އެމްޑީޕީ

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަ ނުކުރާނެ: މޫކޭ

އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކް-- ފޮޓޯ: ރައީސް އޮފީސް

އެމްޑިޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑިސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގް ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލިގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ޓްވީޓަށް ރައްދު ދެއްވައެވެ.

އެކަމާ ގުޅިގެން އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރައިމަރީއަށް އެމްޑިޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތި ލައްވާނެކަން އިއުލާނު ކުރައްވާފައިވަނިކޮށް، އެމަނިކުފާނު ރަށުގައި ވަޑައިގެންނޫޅުއްވަނީސް ޕްރައިމަރީއަށް ކުރިމަތިލުމަށް ދިނީ އެންމެ 5 ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި ކޮންމެކަމެއް ހުތުރުކޮށް ކުރަން އުޅުމުން ނަތީޖާ މާ ރަނގަޅެއް ނުވާނެ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ މޫކޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ކިތަންމެ ވަރަކަށް ބޭނުން ވިޔަސް ރައީސް ނަޝީދު މި އިންތިޚާބަކު ވާދައެއް ނުކުރައްވާނެ ކަމަށެވެ.

އަލީ އާޒިމަށް ނިސްބަތްކޮށް މުކޭ ވިދާޅުވީ "ތިއީ ދުނިޔޭގެ ކުރިމަތީ ރައީސް ނަޝީދު ބޭޒާރު ކުރާނެ ގޮތެއް ނޭނގިގެން" އުޅޭ ބައެއްކަން ރައީސް ނަޝީދު ދެނެލައްވާ ކަމަށެވެ.

"މޮޅުވާނެ އެއްވެސް މަސައްކަތެއް ނުކޮށް ފިތުނައިގެ ޓްވީޓް ކޮށްގެން މޮޅެއް ނުވާނެ." މޫކޭގެ ޓްވީޓްގައިވެއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައެވެ. އެމްޑީޕީން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ.

އެންމެފަހުން ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި އާންމުންގެ ފަރާތަކުން ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނުނަގާ، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އަދި މެނިފެސްޓޯގައި ހުރި ވައުދުތައް ނުފުއްދާ ރިޔާސީ ޕްރައިމަރީއަކަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.