Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީގެ ދަފުތަރު ވަނީ ގަޑުބަޑުކޮށްފައި: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު-

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ މެމްބަރުންގެ ދަފުތަރު ގަޑުބަޑު ކޮށްފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ގޮތުން ރައީސް ނަޝީދުގެ ސިޓީގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނި އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް މެންބަރުން، އެ މެންބަރުންނަށް އެނގުމަކާ ނުލައި، ކުއްލިއަކަށް އުނިކުރުމުން ދަފުތަރު ގަޑުބަޑުވެފައިވާ ކަމަށެވެ.

"އެކަން އެހެން އޮއްވައި ޕްރައިމެރީ ކުރިޔަށް ގެންދެވުމުން އެ ޕްރައިމެރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަމެވެ." ރައީސް ނަޝީދުގެ ސިޓީގައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕާޓީއަށް ހިތުން ރުހުމުން ގުޅިފައިވާ މެންބަރުންގެ ތެރެއިން 40% މެންބަރުންގެ ހައްޤާއި ބައިވެރިވުން ގެއްލުވާލައި ބާއްވާ އިންތިހާބަކީ 2023 ގެ ރިޔާސީ އިންތިހާބުގައި ޕާޓީއަށް އިންތިހާއަށް ނޭދޭވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ މަސްލަހަތު ހިފެހެއްޓޭނެކަމެއް ނޫން ކަމަށް ދެކޭކަމަށެވެ.

އެހެންކަމުން ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު، އެމްޑީޕީގެ ވޯޓުލާ ދަފުތަރުގެ ގޮތުގައި މިހާތަނަށް ބަލަމުން އައި ދަފުތަރުގައި ހިމެނޭ މެންބަރުންގެ ވޯޓުލުމުގެ ހައްޤު ނުގެއްލޭނެކަން ކަށަވަރު ކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ.

އެންމެފަހުން ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި އާންމުންގެ ފަރާތަކުން ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނުނަގާ، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އަދި މެނިފެސްޓޯގައި ހުރި ވައުދުތައް ނުފުއްދާ ރިޔާސީ ޕްރައިމަރީއަކަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.