Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތް: މަނީލޯންޑްރިންގެ ދައުވާވެސް ސާބިތު ވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ހުކުމް ކޮށްފިއެވެ.

އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ.

މި މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، އާރަށުގެ މައްސަލައިގައި ސޮއި ކުރުމަށް ދެ ދުވަހަށް ވެފައިވަނީ ޔާމީން އެދިގެން ރަށުގެ އަގު ބަދަލުކުރިކަން ހެކިބަސް ލިބިފައިވާ ކަމަށެވެ. އަދި ރިޝްވަތުގެ ފައިސާ ލިބުމަށް ޔާމީން މަސައްކަތް ކުރިކަން ސާފުވާ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ ޔާމީންގެ ނަމުގައިވާ އެކައުންޓެއް ރީއެކްޓިވޭޓްކޮށް ޔޫސުފް ނައީމްގެ ނަމުގައިވާ އެކައުންޓަކުން ފައިސާ ޖަމާކުރުމަކީ އިއްތިފާގެއް ކަމަކަށް ނުދެކޭ ކަމަށެވެ. އެއީ އާރަށް ކުށްޔަށް ދިނުމާ ގުޅިގެން ޔާމީން ހޯދުމަށް އެދުނު ފައިސާކަން ޔާމީނަށް އެނގޭނެކަން އެއީ ސަބަބުވެރި އިންސާނެއްގެ ނަޒަރުންބެލިނަމަވެސް ޔަގީންވާކަމެއް ކަމަށް ހުކުމަގައިވެއެވެ.

އަދި މަނީލޯންޑްރިންގެ ކުށުގެ އުންސުރުތައް ސާބިތުކޮށްދެވިފައިވާކަމަށް ކަނޑައަޅާފައިވެއެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދެން އުފުލި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާވެސް ސާބިތުވާކަމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް އުފުލި ދައުވާވެސް ވަނީ ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.