Last Updated: April 20, 10:35
Saturday, April 20, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ދައުލަތުން އެދެނީ ޔާމީނަށް 19 އަހަރުގެ ޖަލު ހުކުމެއް

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ޖުމުލަ 19 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް ދައުލަތުން އެދިފިއެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. އެ ކުށްތައް ޔާމީންގެ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

އެ ހުކުމާ ގުޅިގެން އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ދައުލަތުން އެދިފައިވަނީ، މަނީލޯންޑްރިންގެ ދައުވާގައި ޔާމީނަށް 11 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު ކުށްކުރަން ބޭނުންކުރި ފައިސާގެ ފަސް ގުނައިން ޖުރިމަނާ ކުރުމަށެވެ.

އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައި ޔާމީންގެ މައްޗަށް 8 އަހަރުގެ ޖަލު އަދަބެއް ކަނޑައަޅައިދިނުމަށެވެ.

ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް މިއަދު މެންދުރު 02:00 ގައި އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.