Last Updated: May 8, 20:35
Wednesday, May 8, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ، ރިޝްވަތު ދިނުމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވާކަމަށް ވަނީ ހުކުމް ކޮށްފައެވެ.

މީގެތެރެއިން ރިޝްވަތު ގަބޫލުކުރިން ސާބިތުވާތީ ޔާމީނަށް ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި މަނީލޯންޑްރިންގެ ކުށް ސާބިތުވާތީ ޔާމީނަށް ވަނީ 7 އަހަރަށް ޖަލަށްލާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްދުވަސްތޭރޭ ދެއްކުމަށް ހުކުމްކޮށްފަ އެވެ. އެހެންކަމުން މި މައްސަލައިގައި ޔާމީން ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަންޖެހޭނެ އެވެ.

މީގެއިތުރުން ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވުމުން ޔޫސުފް ނައީމްގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ޔާމީންގެ ވަކީލުން ވަނީ އިއުތިރާޒުތަކެއް ނަގާފައެވެ. އަދި އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތު ކުޑަކަން ފާހަގަކޮށް ވަނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިއުތިރާޒު ކޮށްފައެވެ. އަދަބާ ގުޅޭގޮތުން ވާހަކަ ނުދައްކާ ވަކީލު އިށީނުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ، ޔާމީންގެ ފަރާތުން އަދަބާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާން ނެތީކަމަށް ދެކޭކަމަށް ވިދާޅުވެފައެވެ.

ޔޫސުފް ނައީމްގެ ފަރާތުން އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވަނީ އިއުތިރާޒު ތަކެއް ނަގާފައެވެ. އަދި އެ އިއުތިރާޒުތައް ނެގުމަށްފަހު އެދިފައިވަނީ، ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށެވެ. އެގޮތުން އަސާސީ އަދަބަށްވުރެއް 2 ދަރަޖަ ދަށް ކުރުމަށްފަހު، އޭގެން ބޮޑުބައި ގޭބަންދަށް އަދި އަދަބުގައި ޖޫރިމަނާގެ ބައެއްވެސް ހިމެނުމަށް އެދިފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ ޔާމީންގެ މައްޗަށް ޖުމުލަ 19 އަހަރުގެ ޖަލު ހުކުމެއް އަދި ޔޫސުފް ނައީމްގެ މައްޗަށް 8 އަހަރުގެ ހުކުމެއް އިއްވުމަށެވެ.

މި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ. މި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ.