Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ޔާމީންގެ ފަރާތުން އަދަބާ ބެހޭގޮތުން ވާހަކަ ނުދެއްކި

ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން-

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އިއުތިރާޒު ކޮށްފިއެވެ.

އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ، ރިޝްވަތު ދިނުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ޔާމީންގެ ވަކީލުން ވަނީ އިއުތިރާޒުތަކެއް ނަގާފައެވެ. އަދި އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތު ކުޑަކަން ފާހަގަކޮށް ވަނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިއުތިރާޒު ކޮށްފައެވެ.

"އެހެންކަމުން މި ހާލަތުގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިއުތިރާޒު ކުރާކަމުގައި ދަންނަވަމުން އިށީންނަން." ޔާމީންގެ ވަކީލް ވިދާޅުވިއެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ނުދައްކާ ވަކީލު އިށީނުމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ، ޔާމީންގެ ފަރާތުން އަދަބާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާން ނެތީކަމަށް ދެކޭކަމަށް ވިދާޅުވެފައެވެ.

ޔޫސުފް ނައީމްގެ ފަރާތުން އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވެސް ވަނީ އިއުތިރާޒު ތަކެއް ނަގާފައެވެ. އަދި އެ އިއުތިރާޒުތައް ނެގުމަށްފަހު އެދިފައިވަނީ، ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށެވެ. އެގޮތުން އަސާސީ އަދަބަށްވުރެއް 2 ދަރަޖަ ދަށް ކުރުމަށްފަހު، އޭގެން ބޮޑުބައި ގޭބަންދަށް އަދި އަދަބުގައި ޖުރިމަނާގެ ބައެއްވެސް ހިމެނުމަށް އެދިފައިވެއެވެ.

ދައުވާތައް ސާބިތުވާކަމަށް ހުކުމް ކުރުމުން، އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ދައުލަތުން އެދިފައިވަނީ، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއަށް ޔާމީންގެ މައްޗަށް 8 އަހަރުގެ އަދަބެއް ކަނޑައެޅުމަށެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށްވެްސ 8 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށެވެ.

މީގެއިތުރުން މަނީލޯންޑްރިންގެ ދައުވާގައި ދައުލަތުން އެދިފައިވަނީ ޔާމީން 11 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު ކުށްކުރަން ބޭނުންކުރި ފައިސާގެ ފަސް ގުނައިން ޖުރިމަނާ ކުރުމަށެވެ.

މި މައްސަލައިގައި އަދަބު ކަނޑައަޅާ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ގަޑިއެއްހާއިރު ތެރޭ ބާއްވާނެ ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވިއެވެ.