Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ފުއްގިރި މައްސަލަ: އާ ހެކި ހުށަހަޅަން ފުރުސަތަކަށް އެދިއްޖެ

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކުރިއަށްދާ ޝަރީއަތުގައި އާ ހެކި ހުށަހަޅަން ބޭނުންވާކަމަށް ދައުލަތުގެ ފަރާތުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކޯޓުގައި ބުނެފިއެވެ.

ފުއްގަރި މައްސަލައިގައި އުފުލާފައިވާ ދައުވާއާ ގުޅޭ އަޑުއެހުމެއް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ. މިމައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާއިރު، ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އަދި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އުފުލާފައިވެއެވެ.

މިއަދުގެ އަޑުއެހުމަކީ މިމައްސަލަ ބައްލަވާ ގާޒީ ބަދަލުވި ފަހުން ބޭއްވި ފުރަތަމަ އަޑުއެހުމެވެ. މިމައްސަލަ ކުރިން ބައްލަވާފައިވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ. ގާޒީ ޝަކީލް މައްސަލައިން ތަނާޒުލުވުމުން މިމައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލައާ ގުޅޭ އާ މައުލޫމާތުތަކެއް ލިބިފައިވާތީ އިތުރު ހެކިތައް ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައެވެ. އަދި ރައީސް ޔާމީންގެ ފަރާތުންވެސް ވަނީ އާ ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތަށް އެދިފައެވެ.

އާ ހެކިތަކާ ގުޅޭގޮތުން ގާޒީ ނަދީމް ވިދާޅުވީ ހެކިތަކަށް ބެލުމަށްފަހު ބަލައިގަންނަންޖެހޭނަމަ ހެކިތައް ބަލައިގަންނަން ނިންމާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މިމައްސަލައިގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޒާގެ ވަކީލްވަނީ މައްސަލަ ބައްލަވާ ގާޒީ ނަދީމް މައްސަލައިން ތަނާޒުލުވުމަށް އެދިފައެވެ. އެގޮތަށް އެދިފައިވަނީ ނަދީމަކީ އަދީބުގެ ކުރީގެ ވަކީލެއް ކަމަށް ބުނެއެވެ. ރިޒާގެ ވަކީލުގެ މި ވާހަކައަށް ޔާމީންގެ ވަކީލުވެސް ވަނީ ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.

ތަނާޒުލުވުމަށް އެދުމާ ގުޅިގެން ގާޒީ ނަދީމް ވިދާޅުވީ އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ބަންދު އަޑުއެހުމެއްގައި މީގެ ހަތް އަހަރުކުރިން ކަމަށެވެ. ތުހުމަތު ކުރެވުނު ކުށެއްގެ ތަހުގީގަށް އަދި ދައުވާ ކުރެވުނު ކުށަކާ ގުޅިގެން ޤާނޫނީ ހިދުމަތެއް ދީފައިނުވާނެ ކަމަށެވެ. އެހެންނަމަވެސް ތަނާޒުލުވުމަށް އެދުނު އެދުމާމެދު އިތުރަށް ވިސްނަވާނެ ކަމަށް ވިދާޅުވިއެވެ.

ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.