Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު އެމްޑީޕީ

ރައްޔިތުން އެދެނީ ރައީސް ކުރިއަށް ވަޑައިގަތުމަށް: ޝާހިދު

ރައްޔިތުން އެދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިއަށް ވަޑައިގަތުމަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް ސޯލިހަކީ ކެއްތެރިކަމުގެ މިސާލެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައީސް ސޯލިހަކީ ވަރުގަދަ އަޒުމެއްގެ ލީޑަރެއް ކަމަށާއި، އެ ލީޑަރުގެ ފަހަތުގައި ތިބެ 2023 ކާމިޔާބު ކުރާނެ ކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި ދެ އަހަރު ރައީސް ސޯލިހް ހުންނެވީ ހިކުމަތްތެރިކަމާއި ތެދުވެރި ކަމާއެކު ކަމަށާއި، ރާއްޖެ ސަލާމަތްވީ ރައީސް ސޯލިހް ފަދަ އޯގާތެރި ވެރިއަކު ހުރުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުން އެދެނީ ރައީސް ސޯލިހް ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ.

"އުތުރަށް ދިއްކޮށްލިޔަސް، ދެކުނަށް ދިއްކޮށްލިޔަސް މެދުރާއްޖެ ތެރެއިންވެސް އުތުރި އަރަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިއަށް ވަޑައިގަންނަވާށޭ. މަނިކުފާނުގެ އަރިހުގައި މުޅި މި ދިވެހި ދައުލަތް ސާބިތުވެ އޮތީ." ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ތާއަބަދަށް ހެޔޮ ވެރިކަމެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ. އަދި އެމްޑީޕީ ކުރިއަށް ދެވޭނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ވެރިކަމަށް ގެނެސްގެން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރީގައި ކުރިއަށް ގެންދާއިރުއިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.