Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު ރައީސް ނަޝީދު

ފަރުވާ ހޯދި އިރު ރައީސް ގުޅީ އެންމެ ދުވަހަކު: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުމެއް ނެތް ކަމަށާއި، އެމަނިކުފާނު ނުގުޅުއްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާ ރައީސް ސޯލިހާ ގުޅުމެއް ނެތް ކަމަށާއި އެންމެ ފަހުންވެސް ރައިސް ސޯލިހް ގުޅުއްވީ އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ.

"ބޮމުގެ ހާދިސާގައިވެސް އަޅުގަނޑު ޖަރުމަނުގައި އޮތްހާ ދުވަހުވެސް، އަދި އިނގިރޭސިވިލާތުގައި އޭގެފަހުން އޮތް ހާ ދުވަހުވެސް، ރައީސުލްޖުމްހޫރިއްޔާ ގުޅުއްވީ އެއް ދުވަހު. އަޅުގަނޑަކާ ރައީސުލްޖުމްހޫރިއްޔާއަކާ ގުޅުމެއް ނެތް." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދާ ގުޅުން ބޭއްވުމުގެ ބޭނުމުގައި ރައީސް ސޯލިހް އެމަނިކުފާނާ މަޝްވަރާ ކުރުން ހުއްޓާލީ ކަމަށެވެ. އަދި ރައީސް ސޯލިހްގެ އަރިހުގައި ތިއްބެވި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ނަޝީދާ މަޝްވަރާ ކޮށްފިނަމަ ރައީސް ސޯލިހް "ޝައިން"ވާ މިންވަރު ކުޑަވެގެންދާނެ ކަމަށް ދެކޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޖެނުއަރީ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ބާއްވާއިރު ރައީސް ނަޝީދުވެސް އަދި އެމަނިކުފާނާ ވާދަކުރައްވާ ރައީސް ސޯލިހްވެސް އަންނަނީ ކެމްޕޭން ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ.