Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ވަކި މަސްލަހަތެއް ހިފަހައްޓާކަމުގެ ތުހުމަތު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު-

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަކި މަސްލަހަތެއް ހިފަހައްޓަން މަސައްކަތް ކުރައްވާ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި 270 މީހުންނަށް ދައުވާ ކުރަންޖެހޭ ކަމަށާއި އެހެންނަމަވެސް ދައުވާ ކުރީ އެންމެ މީހެއްގެ މައްޗަށް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ހަމަ ކަނޑައެޅިގެން ހުއްޓުވާފައި އެއޮތީ."

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ލޯ ލާރިއެއްވެސް މި ސަރުކާރަށް ހޯދިފައި ނެތް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ނުބެލި އުޅެނީ ރައީސް ސޯލިހްގެ ކޮންމެވެސް މަސްލަހަތެއް ހިފަހައްޓަވަން ޖެހިވަޑައިގަންނަވާތީ ކަމަށް ލަފާކުރެވޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ނެތް އެއްވެސް ހިފަހައްޓަންޖެހޭ މަސްލަހަތެއް. މާދަމާ ވެސް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ހައްގު ދައުވާ ކުރާނަން." ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ދައުވާތަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވަނީ އިއުތިރާފުވެފައެވެ. އަދި އެ ދެފަރާތުން އަންނަނީ އެކަމުގެ ހުކުމް ތަންފީޒު ކުރަމުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިފަހުން ވަނީ ރިޝްވަތު ނެގުމުގެ ކުށުގެ ދައުވާއާއި މަނީލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމް ކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ.