Last Updated: May 7, 11:50
Tuesday, May 7, 2024
ޚަބަރު ކްރިމިނަލް ކޯޓު

ނިޝާނާއި ފަޒްލޫން އެދުނީ ޝަރީއަތް ލައިވްކުރަން

ޔޯގާ ދުވަސް ފާހަގަކުރުމަށް ހިންގި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ދައުވާ އުފުލި ޝައިޚް އާދަމް ނިޝާނާއި ފަޒްލޫން މުހައްމަދުގެ ޝަރީއަތް ލައިވް ކުރުމަށް އެ ފަރާތުން އެދިއްޖެއެވެ.

ޝެއިހް ފަޒްލޫން އަދި ނިޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވެއެވެ. މިއަދުގެ އަޑުއެހުމަށް ފަޒްލޫން އަދި ނިޝާންވެސް ހާޒިރުވެފައިވަނީ ވަކީލަކާއެކުއެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލު އެދިފައިވަނީ މައްސަލައިގެ ލިޔެކިޔުން ދިރާސާކުރުމަށް ވަގުތު ދިނުމަށާއި، މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމަށެވެ.

މިކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ އަޑުއެހުންތައް ލައިވްކުރުމާމެދު އަންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި މައްސަލައިގެ އިތުރު އަޑުއެހުމެއް މާޗު މަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ.

21 ޖޫން 2022 ދުވަހު ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަޙައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގި މައްސަލައިގައި ޝައިހް ފަޒްލޫން އަދި ނިޝާން ހިމެނޭހެން ގިނަ ބައެއްގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ. ގަލޮޅު ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިނގާ އެތަނުގައި ތިބި މީހުންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުންދިންއިރު، އެތަނުގައި ސަރުކާރުގެ އިސްވެރިންނާއި އެކި ގައުމުތަކުގެ ޑިޕްލޮމެޓުން ތިއްބެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ގިނަ ބަޔަކު ހައްޔަރުކޮށް، ގިނަ ބައެއްގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ.

މި ހަމަނުޖެހުމާ ގުޅިގެން ޝޭހް ފަޒްލުން އަދި ނިޝާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ކޮށްފައެވެ.