Last Updated: May 7, 21:23
Tuesday, May 7, 2024
ޚަބަރު ކްރިމިނަލް ކޯޓު

އިފްތިތާހީ ބަޔާން ހުށަހަޅަން ނިހާނަށް އިތުރު ފުރުސަތެއް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލައިގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އިފްތިތާހީ ބަޔާން ހުށަހެޅުމަށް ނިހާނަށް އިތުރު ފުރުސަތެއް ދީފިއެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދައުވާއެކެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ނިހާޏްގެ ވަކީލް ވަނީ އަލަށް އަމަލުކުރަންފެށި ހެއްކާ ބެހޭ ޤާނޫނުގެ ދަށުން ހެކި ލިސްޓް މުރާޖާ ކުރުމުގެ ފުރުސަތަކަށް އެދިފައެވެ. އެހެންނަމަވެސް އެކަމުގައި ދައުލަތުން އިއުތިރާޒު ކުރުމުން މައްސަލަ ބައްލަވާ ވަނީ އެ އިއުތިރާޒު ގަބޫލުކުރައްވާ އެ ފުރުސަތު ނުދިނުމަށް ނިންމާފައެވެ. ގާޒީ ވިދާޅުވީ އަމަލުކުރާ އިޖުރާއަތަކީ އާ ގާނޫނަށް އަމަލުކުރަން ފެށިއިރު މައްސަލަ ގޮސްފައިވާ ހިސާބުން ކުރިއަށްގެންގޮސް، ހެއްކާ ބެހޭގޮތުން ވާހަކަދައްކާއިރު ގާނޫނަށް ރިއާޔަތްކޮށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ނިހާންގެ ވަކީލް ދެން އެދިފައިވަނީ އިފްތިތާހީ ބަޔާން ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. އެކަމަށް ދައުލަތުން އިއުތިރާޒު ނުކުރުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އެކަމަށް ހަތް ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ. އަދި ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ޝަރީއަތުގެ އަޑުއެހުން ފަށާނެ ކަމަށެވެ.

ނިހާންގެ މައްޗަށް އުފުލި ދައުވާގެ ތަފްސީލު:

މިމައްސަލައިގައި ނިހާންގެ މައްޗަށް ވަނީ ހަ ދައުވާއެއް ކޮށްފައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި ކުށް ކޮށްގެން ހޯދާފައިވަ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ނަމަވެސް ނިހާނަށް ލިބިފައިވާ އެފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލަތަކުގައި ނިހާންގެ މައްޗަށް ދައުލަތުން އުފުލަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ކޯޓުގައި ވަނީ އެދިފަ އެވެ.