Last Updated: April 23, 17:29
Tuesday, April 23, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ފުއްގިރި މައްސަލަ މަޑުޖައްސާލަން ވަގުތީ އަމުރަކަށް އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން-

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލަ ނިމެންދެން، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް މިއަދު ހައިކޯޓުގައި އެދެފިއެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. އަދި މިމައްސަލައިގައި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އަދި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އުފުލާފައިވެއެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފު ކޮށްފައިވާއިރު މިއަދު ހައިކޯޓުގައި ވަނީ އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.

ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ ޔާމީންގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރި ނުކުތާތަށް ހުށަހަޅާފައެެވެ. އެގޮތުން ޔާމީންގެ ފަރާތުން މައިގަނޑުގޮތެއްގައި އިސްތިއުނާފުކޮށްފައިވަނީ ތިން ނުކުތާއެވެ. އޭގެތެރޭގައި ހިމެނެނީ، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައި ނުގަތުމަށް އެދި ހުށަހެޅުމުންވެސް އެ ހެކިން ބަލައިގަނެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ. އެ އިސްތިއުނާފީ ނުކުތާ އިތުރަށް ތަފްސީލުކޮށްދެއްވާ ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ، ހެއްކާ ބެހޭ ގާނޫނުން ޔާމީނަށް ލިބިދޭ ލުއިތައް ދީފައި ނުވާ ކަމަށާއި އެގޮތުން ހަސްމަކާ އަދާވާތްތެރިކަމެއް އޮތް ފަރާތެއްގެ ހެކިބަސް ބަލައިގަނެގެން ނުވާނެ ކަމަށް ހެއްކާބެހޭ ގާނޫނުގައި ބުނާ ކަމަށެވެ.

ޔާމީންގެ ފަރާތުން އިތުރަށް ބުނެފައިވަނީ މިމައްސަލައިގައި ހާމަކޮށްދޭން އެދުނު ލިޔެކިޔުންތަކެއް ހާމަކޮށްފައިނުވާ ކަމަށެވެ. އެ ނުކުތާގައި ވާހަކަ ދައްކަވަމުން ވަކީލް ޝިޔާޒް ވިދާޅުވީ ތަހުގީގަށް ހޯދައިފައިވާ ލިޔެކިޔުން ހޯދުމަށް އެދުމުން އެ ހުށަހެޅުން ބަލައިގަނެފައިނުވާ ކަމަށެވެ. އަދި ޝިޔާޒް ވަނީ މި މައްސަލައަކީ އޭސީސީ، ޕޮލިސް އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން ތަހުގީގު ކޮށްފައިވާ މައްސަލައަކަށްވާތީ ދައުލަތުގެ އެ އިދާރާތަކަށް ލިބިފައިވާ ހެކި ހާމަކުރަންޖެހޭނެ ކަން ފާހަގަކުރައްވާފައެވެ. ވަކީލް ޝިޔާޒް ވިދާޅުވީ މިމައްސަލައިގައި ދައުލަތުން ލިޔެކިޔުން ހުށަހަޅާފައިވަނީ "ޕިކް އެންޑް ޗޫޒް"ގެ އުސޫލުން ކަމަށާއި ފުރިހަމަ ލިޔުންތައް ދައުލަތުން ހާމަ ނުކުރާ ކަމަށެވެ

ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން-

އިސްތިއުނާފު ކޮށްފައިވާ މި މައްސަލައިގައި ޔާމީންގެ ފަރާތުން އެދިފައިވަނީ އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ނިންމައިދިނުމަށާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި މައުލޫމާތު ހާމަކޮށްދިނުމަށެވެ. އަދި ޔާމީންގެ ވެރިކަމުގައި ޓޫރިސްޓް ބޭނުމަށް ރިސޯޓްތައް ހެދުމަށް ރަށްތައް ދޫކުރުމުގައި ރައީސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީއާއި ދެމެދު ބަދަލުކުރެވުނުު ސިޓީތަކާއި އީމެއިލްތައް ހާމަކުރުމަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މީގެއިތުރުން ޔާމީންގެ ފަރާތުން ވަނީ މިމައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައިވެއެވެ. އަދި އެފަދަ އަމުރެއް ނެރުމާމެދު ދައުލަތުގެ އިއުތިރާޒެއް ނެތްކަމަށްވެސް ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވިއެވެ.

މިމައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އިސްތިއުނާފު ނުކުތާތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ދައުލަތަށް އަރުވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛު ހަސަން ޝަފީއު، ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.