Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

53 މިލިއަން ދައްކަން އަމުރުކުރީ އިޖުރާއަތާ ހިލާފަށް

ރައީސް ޔާމީން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ޕީޕީއެމް

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 53 މިލިއަން ރުފިޔާ ދެއްކުމަށް ކުރި އަމުރު ނެރެފައިވަނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ޔާމީންގެ ވަކީލުން ބުނެފިއެވެ.

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މިއަދު ވަނީ އެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ބާއްވާފައެވެ.

މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވީ، މައްސަލައެއް ސާބިތުވާއިރު އެ މައްސަލައެއްގެ ތެރެއިން މުދަލާއި ފައިސާއެއް ދައުލަތަށް ނަގާނަމަ އެކަމެއް ހިމަނަންޖެހޭނީ މައްސަލައިގެ ހުކުމުގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް ޔާމީންގެ މައްޗަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އިއްވި ހުކުމުގައި އެފަދަ އަމުރެއް ނެތީސް، ޤާނޫނުގައި ނުވެސް ނެތް އިޖުރާއަތެއްގެ ދަށުން ޤާނޫނާ ހިލާފަށް 2023 ފެބްރުއަރީ 26 ވަނަ ދުވަހު އަމުރު ނެރެފައިވާ ކަމަށެވެ. ޝިޔާޒް ވިދާޅުވީ މިފަދަ އަމުރެއް އޮންނާނޭގޮތުގެ ނަމޫނާއެއް ޤާނޫނުގައި ނެތް ކަމަށެވެ.

ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން–

ޝިޔާޒް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ކުށް ކަނޑައަޅާ އަދި ހުކުމް ކުރާއިރު ހުކުމުގައި ހުންނަންޖެހޭނެ ކަންކަން ބަޔާންކުރާ މާއްދާގައި މުދަލާއި ފައިސާއެއް ދައުލަތަށް ނަގާނަމަ އެކަމެއް އޮންނަންވާނެ ކަމަށް ބަޔާން ކުރާ ކަމަށެވެ. އެގޮތުން މުދަލާއި ފައިސާއެއް ދައުލަތަށް ނަގާނަމަ އެކަމަކީ މައްސަލައިގައި ހުކުމް ކުރާއިރު އޭގައި އޮންނަންޖެހޭނެ އެއްޗެއްކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 156 މާއްދާގެ ދަށުން އެނގޭ ކަމަށެވެ. އަދި އެ މާއްދާއާ ހިލާފަށް އޭގެން ބޭރުން އެކަން ކުރުމަށް ގާނޫނު ފުރުސަތު ނުދޭކަމަށްވެސް ވިދާޅުވިއެވެ.

ޔާމީންގެ ވަކީލް ޝިޔާޒް ހައިކޯޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިވަކި އަމުރު ކްރިމިނަލް ކޯޓުން ނެރެފައިވަނީ ޕީޖީން ފޮނުވި ސިޓީއަކާ ހަވާލާދީ ކަމަށެވެ. މައްސަލައެއްގައި ހުކުމް ކުރުމަށްފަހު އޭގެފަހުން އެ ގަޒިއްޔާ ނަމްބަރުގެ ދަށުން އިތުރު އަމުރުތަކާއި ހުކުމްތައް ނެރުމުގެ ބާރު ޤާނޫނުން ދީފައި ނުވާ ކަމަށާއި، ކުރިން ކޮށްފައިވާ ހުކުމެއްގައި "ހަނދާނުން ކައްސާލައިފައި އޮތް ކަމެއް، ފަހުން ހަނދާން ވެގެން" އަލުން އޭގެ މައްޗަށް ހުކުމެއް، އަމުރެއް އިތުރު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށްވެސް ޝީޔާޒް ވިދާޅުވިއެވެ. އެފަދަ ކަންކަމަށް ކަނޑައަޅާފައި އޮންނަނީ އިސްތިއުނާފީ މަރުހަލާތައް ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީންގެ ވަކީލުންގެ ވާހަކަތަކަށް ރައްދު ދެއްވާ ޕީޖީގެ ވަކީލް މަރިޔަމް ޝަހުމާ ވިދާޅުވީ މައްސަލައިގައި ހުކުމް ކުރުމަށްފަހު އެ މައްސަލައެއްގައި ހިމެނޭ މުދަލާއި ފައިސާއެއް ދައުލަތަށް ނެގުމަށް އަމުރު ނެރުމަށް ޤާނޫނު ހުރަސް ނާޅާ ކަމަށެވެ. އަދި މިފަދަ ކަމެއްގެ ސަބަބުން މައްސަލައިގެ ހުކުމަށްވެސް އަސަރު ނުކުރާނެ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މާދަމާ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މި މައްސަލަ ހައިކޯޓުގައި ބައްދަލަވަނީ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ފައިސަލް، ފަނޑިޔާރު އަލްއުސްތާޛު ހަސަން ޝަފީއު އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީ އެވެ.