Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު ފަތުރުވެރިކަން

ފުރަތަމަ ކުއާޓާގައި އެންމެ ގިނައީ ރަޝިޔާ ފަތުރުވެރިން

ރަޝިއާގެ އެއިރޮފްލޮޓް އިން ފަތުރުވެރިން ފައިބަނީ / ފޮޓޯ: އެމްއޭސީއެލް

އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން ކޮންމެ މަހަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަފާސް ހިސާބުތައް އާންމު ކުރެއެވެ. އެގޮތުން މިއަހަރު ފުރަތަމަ ކުއާޓާ ނިމިގެން ދިޔައިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެއްވަނަ ސޯސް މާކެޓަކީ ރަޝިއާއެވެ. އަދި ފުރަތަމަ ތިން މަހު 65،060 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އެންމެ ގިނަ ރަޝިއާ ފަތުރުވެރިން މިކުއާޓާގައި އައިސްފައިވަނީ މާރިޗު މަހުގައެވެ. އެމަހު 23،180 ފަތުރުވެރިން އެޤައުމުން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ފެބްރުއަރީ މަހު 21،567 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އަދި ޖެނުއަރީ މަހު އައިސްފައިވަނީ 20،313 ފަތުރުވެރިންނެވެ. މީގެ އިތުރަށް މާރިޗު މަހު އައި ރާއްޖެއައި ޖުމްލަ ފަތުރުވެރިން އަދަދު ވަނީ މިދިޔަ އަހަރު މާރިޗު މަހާއި އަޅާ ބަލާއިރު 15.1 އިންސައްތަ އިތުރުވެފައެވެ.

މިއަހަރު ފުރަތަމަ ކުއާޓާގައި ގަދަ ދިހަ މާކެޓަށް ބަލާއިރު، އިންޑިއާ ވަނީ ފުރަތަމަ ކުއާޓާގެ ދެވަނަ މާކެޓުގެ ގޮތުގައި ތިން މަހުވެސް ހިފަހައްޓާފައެވެ. އެ ޤައުމުން ފުރަތަމަ ކުއާޓާގެ ތެރޭގައި 56،208 މީހުން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައި ވެއެވެ. އިންޑިއާ އަކީ މިދިޔަ އަހަރުގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތް ޤައުމެކެވެ.

މިކުއާޓާ ފެށިގެން އައިއިރު ޖެނުއަރީ އަދި ފެބްރުއަރީ މަހު ޕޯލެންޑް ގަދަ ދިހައެއް 10 ވަނަ ހޯދާފައިވީ ނަމަވެސް، އެ ޤައުމުގެ ފަހަތަށް ޖައްސާލައި މާރިޗު މަހު ޗެކް ރިޕަބްލިކް ވަނީ 10 ވަނަ ޖާގަ ހޯދާފައެވެ. މީގެ އިތުރުން އަހަރު ފެށުނުއިރު އިޓަލީ މާކެޓުގެ ތިންވަނައިގައި އޮތް ނަމަވެސް ފެބްރުއަރީ މާރިޗު މަހު އިޓަލީ ފަހަތައް ޖައްސައި އިންގިރޭސި ވިލާތް ކުއާޓާ ނިންމާލީ 3 ވަނައިގައެވެ.

އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ ރާއްޖެ އައިސްފައިވަނީ 523،928 މީހުންނެވެ. ސަރުކާރުން މިއަހަރު ޖުމްލަ 1.9 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެއެވެ.