Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު އެމްޑީޕީ

ބައި-އިލެކްޝަނުން ހާމަވީ ސަރުކާރަށް އޮތް ތާއީދު

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ހާމަވީ ރައްޔިތުން މި ސަރުކާރުގެ ސިޔާސަތުތަކަށް ކުރާ ތާއީދު ކަމަށް އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝާޒް އެވެ.

އަނަސް ވިދާޅުވީ ޒަމާންތަކެއް ވަންދެން ޕީޕީއެމުން ތަމްސީލު ކުރަމުން ދިޔަ ގޮނޑިއެއް އެމްޑީޕީއަށް ލިބުމަކީ މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.

"މި ކާމިޔާބީން ހާމަވާ ކަމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދު. އަދި އެމްޑީޕީ މިދާ މިސްރާބަށް މި ޕާޓީގެ މެމްބަރުންގެ އިތުބާރާއި ތާއީދު" އަނަސް ވިދާޅުވި އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް 1226 ވޯޓު ލިބުނުއިރު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒްއަށް 1346 ވޯޓު ލިބިފައިވެ އެވެ. އަދި އެމްއެންޕީގެ އަލީ އާރިފަށް ލިބުނީ 136 ވޯޓެވެ.

މިއީ އެމްޑީޕީގެ ތާރީހުގައި ވެސް ކ. އަތޮޅުގެ ގޮނޑިއެއް އެ ޕާޓީއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.