Last Updated: May 3, 15:50
Friday, May 3, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ބޮމުގެ ހަމަލާ: އޮގަސްޓްގައި ހުކުމް ކުރާ ގޮތަށް ތާވަލެއް

ރައީސް ނަޝީދަށް އަމާޒުކޮށް ގޮށްވާލި ސައިކަލު--

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތުގެ ހުކުމް އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ކުރާ ގޮތަށް ތާވަލެއް ދީފިއެވެ.

މިމައްސައިގައި މިއަދު ވަނީ އިސްހާގް، މުހައްމަދު ނާޒިމް، ފަހުމީ އަލީ، މުޖާޒް އަހުމަދު، ތަހުމީން އަހުމަދު އަދި އަލީ ހައިޝަމްއެވެ.

މި މައްސަލައިގައި އިސްހާގުގެ މައްޗަށް ވަނީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ. މުހައްމަދު ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ކޮށްފައިވާއިރު، ފަހުމީ އަލީގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާކޮށްފައެވެ. މީގެއިތުރުން މުޖާޒް އަހުމަދުގެ މައްޗަށް ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ކޮށްފައިވެއެވެ. ތަހުމީން އަހުމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ ކޮށްފައިވެއެވެ. އަދި އަލީ ހައިޝަމްގެ މައްޗަށް ވަނީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައެވެ.

މިއަދު ބޭއްވީ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ހަ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވައިފައެވެ. އަދި އެ ހަ މީހުންވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި މައްސަލައިގެ އިފްތިތާހީ ބަޔާން ހުށަހަޅާފައިވެއވެެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ހިއްސާކޮށްފައިވާނެ ކަމަށާއި އެގޮތުން އަށް އަޑުއެހުމަކަށް ބަހާލައިގެން މައްސަލަ ކުރިއަށްގެންދަވާނެ ކަމަށެވެ. އެގޮތުން ހަތަރު އަޑު އެހުމަކީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަގަން ހަތަރު އަޑުއެހުން، ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ދެ އަޑުއެހުން އަދި ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައިވެއެވެ. އަދި ތާވަލާއެއްގޮތަށް ކުރިއަށް ގޮސްފިނަމަ ހުކުމް ކުރުމަށް އަޑުއެހުމެއް 31 އޯގަސްޓް 2023 ބޭއްވޭނެކަމަށް ގާޒީ ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެ ހުކުމް ކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ މައްސަލައިގައި އިއުތިރާފުވުމުންނެވެ. އަދުހަމްގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.