Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ފުއްގިރި މައްސަލަ: ޔާމިން ބުނަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅައިފިއެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.

މިމައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވާފައިވާއިރު މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅާފައިވެއެވެ. އެގޮތުން ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ތުހުމަތުކުރާ ފައިސާގެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. އެ ފައިސާއަކީ ސަން ކުންފުނިތަކުގެ ވެރިޔާ އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަތުން ގަތް 1.1 މިލިއަން ޑޮލަރު ކަމަށެވެ. އަދި ޑޮލަރަށްވާ ފައިސާ ސިޔާމާ ހަވާލު ކުރެއްވިކަން ހެކިތަކުން ސާފުވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މި މައްސަލައިގައި ހެކިބަސް ނެގުމުގެ ކުރިން ޔާމީންގެ ފަރާތުން ވަނީ އިއުތިރާޒެއް ހުށަހަޅަން އެދިވަޑައިގަތެވެ. އެގޮތުން ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ ބައެއް ހެކި ބަލައިނުގަތުމުގެ އިއުތިރާޒު މާދަމާ ހެނދުނު 10:00 ގެ ކުރިން ހުށަހަޅަން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ފުރުސަތު ދެއްވާފައެވެ. މިމައްސަލައިގައި އަންނަ އާދީއްތަ ދުވަހު ހެކިބަސް ނަގަން އަޑުއެހުން ބޭއްވުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގެ ހެކިބަސް ނަގަން ފަށަން ތައްޔާރުވެފައިވާއިރު، މި ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ، ޔާމީން މިހާރުވެސް އަންނަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.