Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ފުއްގިރި މައްސަލަ މަޑުޖައްސާލަން އަންގަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި-

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރިން ނިންމި ނިންމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި އެ ކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމަށް އަންގަން ނިންމައިފިއެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައެވެ. އެހެންކަމުން ޔާމީންގެ ފަރާތުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު އަޑުއެހުން ބާއްވާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ވަނީ ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެއެވެ. ޔާމީންގެ ވަކީލުންގެ އިތުރުން މި މައްސަލައިގައި ހިމެނޭ އަހުމަދު ކްރިކް ރިޟާގެ ވަކީލުންވެސް ވަނީ މާދަމާއަށް ހެކިބަސްނެގުން ތާވަލުކޮށްފައިވާކަން ފާހަގަކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައެވެ.

ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މި މައްސަލައިގައި އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ގޮތެއް ނިންމުމަށް ވިސްނުން ހުރި ކަމަށެވެ. އެހެންކަމުން އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ޝަރީއަތް މަޑުޖައްސާލަން އަމުރުކުރަން ނިންމަވާ ކަމަށް ވިދާޅުވިއެވެ.

"ފަނޑިޔާރުން މަޝްވަރާކޮށްލާފައި އަޅުގަނޑުމެން މި ނިންމަނީ، ތި އެދިވަޑައިގެންނެވި ކަންތަކުގައި މިއަންނަ ހޯމަ ދުވަހާ ހަމައަށް ޝަރީއަތް ލަސްކުރަން. އެހާތަނަށް މި މައްސަލަ ނިންމަން ކަމަށް އަޅުގަނޑުމެން ވިސްނައިގެން މިތިބީ. އެހެންމާ އަޅުގަނޑުމެން އަންގަންޖެހޭއެއްޗެއް ލިޔުމަކުން އަޅުގަނޑުމެން އަންގަންޖެހޭ ފަރާތްތަކަށް އަންގާނަން." މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ މައްސަލައިގައި އިސްތިއުނާފު ކުރާ ނުކުތާތައް ހުށަހަޅާފައެވެ. އަދި އެދޭގޮތްވެސް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން ޕީޖީގެ ފަރާތުންވަނީ އެ ހުށަހެޅުމުގެ ރައްދުވެސް ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ޙުސްނުއް ސުޢޫދު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ.