Last Updated: May 4, 17:35
Saturday, May 4, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ޔާމީން އަތުން 53 މިލިއަން ހޯދުމުގެ ބައި އިސްތިއުނާފުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި-

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްފައި ނެތުމުން އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ވ. އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް 07 މޭ 2023 ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ ރައީސް ޔާމީން ލޯންޑަރކުރިކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު، އެ 53 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދިނުމުޔގެ އަމުރަކަށް ޕީޖީން އޮތީ އެދިފައެވެ. އެހެންނަމަވެސް މައްސަލަ ސާބިތުވާކަމަށް ހުކުމް ކުރިއިރު އެ ފައިސާއާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމާފައެއްނުވެއެވެ. އެކަން ޕީޖީން ކޯޓުގެ ސަމާލުކަމަށް ގެނައުމުން ކްރިމިނަލް ކޯޓުން ވަނީ "ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ގެ އަމުރެއް ނެރެ އެ ފައިސާ ދެއްކުމަށް އަމުރު ކޮށްފައެވެ.

އެކަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކޮށްފައެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާނީ ހައިކޯޓުން އެ ކޯޓު އަމުރު ބާތިލުކުރުމާ ގުޅިގެން ކަމަށެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ވ. އާރަށުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ޖަލު ހުުކުމް ޔާމީންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.