Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ރައީސް ނަޝީދު

"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދީފި

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސްވެ ތިއްބަވާ އުފައްދަވާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އީސީން ދީފައިވާއިރު އެޕާޓީއަށް ދެން ޖެހޭނީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެންބަރުން ހަމަކުރާށެވެ.

'ދަ ޑިމޮކްރެޓްސް' ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައެވެ.

ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިއްބަވާ އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު އެދިފައިވާއިރު، އާޕާޓީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހިސާބުންނެވެ. އެ ހިސާބުން އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރައްވާ 12 މެންބަރަކު ޕާޓީން ވަކިވެ ވަނީ އާ ސިޔާސީ ޕާޓިއެއް އުފައްދަވާނެކަން ހާމަކުރައްވާފައެވެ.

މި ސިޔާސީ ޕާޓީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)، މެންބަރު އަހްމަދު ޒާހިރު (ގައްދޫ)، މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، މެންބަރު ހަސަން ލަތީފް، މެންބަރު އީވާ އަބްދުﷲ، މެންބަރު އިލްޔާސް ލަބީބް، މެންބަރު އިމްތިޔާޒް ފަހުމީ، މެންބަރު ޔާސިރު އަބްދުއްލަތީފް، މެންބަރު ހަސަން އަފީފް، މެންބަރު ހުސެއިން ފިރުޝާން، މެންބަރު ހަސަން ޝިޔާން އަދި މެންބަރު އަލީ އާޒިމެވެ. މީގެއިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުވެސް މީގެތެރޭގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވައެވެ.