Last Updated: May 6, 06:06
Monday, May 6, 2024
ޚަބަރު

އައްޑޫ ކައުންސިލުން ބޮޑު ޖޫރިމަނާ އިސްތިއުނާފުކޮށްފި

ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރާ ކަމަށް ބުނި ސަރަަހަްދުގައި އައްޑޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު.

އައްޑޫ ސިޓީ ކައުންސިލުން ތިމާވެއްޓަށް ގެއްލުން ދިން ކަމަށް ބުނެ އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީން އެ ކައުންސިލް 30.8 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން ކައުންސިލުން އެ މައްސަލަ އެންވަޔަރޮމެންޓް މިނިސްޓްރީގައި އިސްތިއުނާފުކޮށްފިއެވެ.

އައްޑޫ ސިޓީގެ ކުނިކޮށި ކައިރިން ރުއްޖެހެރަ ސަރަހައްދުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑައި، އެސަރަހައްދުގައި ފެންގަނޑެއް ކޮނެ އަދި ގޮނޑުދޮށަށް ވެލި އެޅުމުގެ ސަބަބުން އާންމު ފަރާތަކުން ހުށައެޅި ޝަކުވާއެއް ބެލުމަށްފަހު އީޕީއޭއިން ވަނީ ވަނީ އެ މައްސަލަ ބަލައި، ކައުންސިލުން ކުރި މަސައްކަތަކީ ގަވާއިދާއި ޚިލާފު މަސައްކަތެއް ކަމަށް ނިންމައި، ތިމާވެއްޓަށް ދިން ގެއްލުމުގެ ބަދަލުގައި 30،897،500ރ. ތިރީސް މިލިއަން އަށް ލައްކަ ނުވަދިހަ ހަތް ހާސް ފަސްސަތޭކަ ރުފިޔާ އިން ކައުންސިލް ޖޫރިމަނާކޮށް އެ ފައިސާ އީޕީއޭއަށް ދެއްކުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކައުންސިލަށް އަންގާފައެވެ.

އީޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލަ ކައުންސިލުން ވަނީ އެންވަޔަރޮމެންޓް މިނިސްޓްރީގައި އިސްތިއުނާފުކޮށްފައެވެ. އެގޮތުން، ޖޫރިމަނާގައި ހިމެނޭ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ ދަށުން ކުރެވިފައިވާ 20،000 ރުފިޔާގެ ޖޫރިމަނާއާއި، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅުނު 30،877،500ރ. ޖޫރިމަނާގެ މައްސަލަ އިސްތިއުނާފުކޮށްފައެވެ.

މީގެ ތެރެއިން 20،000ރ. ގެ ޖޫރިމަނާގެ މައްސަލައަކީ އިސްތިއުނާފު ކުރެވޭނެ މައްސަލައެއް ކަމަށް ނުވާތީ އެފައިސާ ދެއްކުމަށް ކައުންސިލަށް މިނިސްޓްރީން ވަނީ 10 އެޕްރީލް 2023 ގައި އަންގާފައެވެ. ނަމަވެސް 30،877،500ރ. ގެ ޖޫރިމަނާގެ މައްސަލައިގެ އިސްތިއުނާފު ބަލައިގަނެ، އެ ޖޫރިމަނާގެ އަދަދު ކަނޑައެޅުމުގައި ފުށުއެރުންތަކެއް ފާހަގަކުރެވިފައިވާތީ، އެ އަދަދު އިސްލާހުކޮށް، ޖޫރިމަނާގެ އަދަދު އަލުން ހިސާބުކޮށް ހުށައެޅުމަށް މިނިސްޓްރީން ވަނީ އީޕީއޭ އަށް އަންގާފައެވެ.

އެހެންކަމުން އެ ޖޫރިމަނާގެ އަދަދު އަލުން ހިސާބުކޮށް އިސްލާހުކުރުމުގެ މަސައްކަތް އީޕީއޭއިން ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

އައްޑޫ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި

އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ފްރެންޑްސް އަދި ބީޓެކް ކުންފުނި ގުޅިގެން އައްޑޫގައި ޕިކްނިކް ޒޯނެއް ހެދުމަށް ކަމަށް ބުނެ ރުއްޖެހެރަ ސަރަހައްދުން ރުއްގަސް ނަގައި، ވެލި އަޅައި ހެދީ 2021 ވަނަ އަހަރުގައެވެ. އީޕީއޭ އިން ބުނެފައިވަނީ، ރުއްޖެހެރަ ސަރަހައްދުން ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމާއި ފެންގަނޑެއް ކޮނެގެން އެކަމުގެ ޝަކުވާތަކާ ގުޅިގެން ބެލިއިރު، 17،000 އަކަ މީޓަރުގެ ބިން ސާފުކޮށް، އަދި އެ ސަރަހައްދުން 1،700 ކޮޑިމީޓަރުގެ ވެލި ނަގައިގެން ހިތެއްގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ކައުންސިލުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.