Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު ރައީސް ސޯލިހު

ބަޔަކު ވަކިވިޔަސް ފެންނަނީ ރައީސަށް ތާއީދު އިތުރުވާ ތަން

ރައީސް ސޯލިހަށް އައްޑޫއިން މަރުހަބާކިޔުން- ފޮޓޯ: ރައީސް އޮފީސް

ބަޔަކު އެމްޑީޕީން ވަކިވިނަމަވެސް މުޅި ރާއްޖެއާ އައްޑޫސިޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ތާއީދު އިތުރުވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އައްޑޫގައި ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫއުތައް ފެއްޓެވުމަށް ރައީސް ސޯލިހް އައްޑޫސިޓީއަށް އިއްޔަ ހަވީރު ވަޑައިގެންފައިވާއިރު ރައިސަށް އައްޑޫއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިދަތުރުގެ ތެރެއިން "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ ފެނިގެންދަނީ މުޅި ރާއްޖެއާއި އައްޑޫއިންވެސް ރައީސް ސޯލިހަށް އޮތް ތާއީދު އިތުރުވަމުން އަންނަތަން ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީގެ ބައެއް ބޭފުޅުން އަޅުގަނޑުމެންނާ ވަކިވެގެން ދިޔަކަމުގައިވިޔަސް މުޅި ރާއްޖޭގައިވެސް އައްޑޫގައިވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ތާއީދު އިތުރުވާތަން." ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ ވަރަށް އަވަހަށް އައްޑޫއިން އިތުރު ރައްޔިތުން އެމްޑީޕީއަށް ގުޅޭނެ ކަމަށެވެ.

ފޮޓޯ: ރައީސް އޮފީސް

އައްޑޫގެ ރައްޔިތުންނަކީ އައްޑޫގެ ތަރައްްގީއަށް އަބަދުވެސް ލޯބިކުރާ ބައެއްކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ މިސަރުކާރުން އައްޑޫއަށް ގެނެސްފައިވަނީ ވަރަށް ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. މި މަޝްރޫއުތަކަކީ އޭގެ ސަބަބުން އައްޑޫސިޓީއަށް އިތުރު ތަރައްގީ ލިބޭނެފަދަ ޕްރޮޖެކްޓްތަކެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ބޮޑެތި ޕްރޮޖެކްޓްތަކަކީ އައްޑޫގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް ކުރިންސުރެއް ރާވާފައިވާ ޕްރޮޖެކްޓްތަކެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތް އައްޑޫގެ އަޅުގަނޑުމެންނާ އެއްކޮށް އެތިބޭ ރައްޔިތުން ހަމަ އަޅުގަނޑުމެނަށް ތާއީދު ކުރާނެކަމާދޭތެރޭ." ފައްޔާޒް ވިދާޅުވިއެވެ.

ދެދުވަހުގެ މުއްދަތަށް ރައީސް ސޯލިހް އައްޑޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާފައެވެ. އަދި އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފައްޓަވައި ދެއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހްގެ މިދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާއި، އެމްޑީޕީގެ އިސް ފަރާތްތައް އަދި މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެއެވެ.