Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ފައިސާގައި ޖެހި ރައްޔިތުންނަށް ހިޔާނާތްތެރި ނުވަން

އިބްރާހިމް ރިއްފަތު - ފޮޓޯ: އޭޖީ

ހަޔާތުގައިވެސް ފައިސާއެއްގައިޖެހި ރައްޔިތުންނަށް ހިޔާނާތްތެރިވެފައިނުވާނެ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަންޑާރަނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށް އެ މައްސަލަ ކުރިއަށް ގެންގޮސްފައިވާއިރު ރިއްފަތު ވަނީ އެ މައްސަލައިގައި ދިފާއުގައި ޖަވާބުވެސް ދެއްވާފައެވެ.

މިމައްސަލައިގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމުގެ ތުހުމަތު ސަރުކާރުގެ އިސްފަރާތްތަކަށް އިދިކޮޅުން ކުރަމުން އަންނައިރު، މައްސައިގައި ޖަވާބު ދެއްވަމުން ރިއްފަތުވަނީ އެތުހުމަތުތަކަށް ވެސް ރައްދު ދެއްވާފައެވެ.

އެގޮތުން ރިއްފަތު ވިދާޅުވީ މައްސަލަ ނިމުނުއިރު މޮރިޝަސް ސަރުކާރުން އޭނާއަށް ދިން ރަން މެޑައްޔެއް ނެތް ކަމަށާއި އަދި ދިން ލަގަބެއް އިއްޒަތެއްވެސް ނެތް ކަމަށެވެ. އަދި ޑޮލަރުލާން ހުޅުވި އެސްކްރޯ އެކައުންޓެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް ފައިސާއެއްގައިޖެހި ރައްޔިތުންނަށް ހިޔާނާތްތެރި ނުވާކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށްދެން." ރިއްފަތު ވިދާޅުވިއެވެ.

ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ ރައީސްގެ ސިޓީގެ ސަބަބުންކަމަށް ތުހުމަތުކުރާއިރު އެކަމަށްވެސް ރައްދު ދެއްވާފައިވެއެވެ. އެގޮތުން ރިއްފަތު ވިދާޅުވީ އެސިޓީއާ ގުޅުވާ ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ދިވެހި ދައުލަތުން ކޮޅުބަދަލުކުރީކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި އެސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައްސަލައިގެ މައުޟޫއާ އެއްވެސް ގުޅުމެއްނެތް މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރިއްފަތު ވިދާޅުވީ ކަނޑުގެ މައްސަލައިގައި އެއްވެސް ކަމެއް ސިއްރުކުރުމުގެ ނިޔަތެއް، މަސްލަހަތެއް ދިވެހި ސަރުކާރުގެ ނެތް ކަމަށެވެ.