Last Updated: April 30, 06:17
Tuesday, April 30, 2024
ޚަބަރު ރައީސް ނަޝީދު

"ރައްޔިތުންގެ މަސްލަހަތަށްޓަކައި" ނަޝީދު ރިޔާސަތަށް

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވީ ރައީސް މުހައްމަދު ނަޝީދެވެ. މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ގަވައިދުގައި ލިބެދޭ 'އުޒުރުވެރިވުމުގެ އިޚްތިޔާރު'ގެ ދަށުން ވާނީ ރިޔާސަތު ބެލެހެއްޓުމުން އެއްކިބައިވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ގިނަ ދިވެހި ރައްޔިތުން ކަންބޮޑުވުން އޮތްކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެހެންނަމަވެސް އެ ބައްދަލުވުމަކުން މަޖިލިސް ކުރިއަށް ގެންދިއުމަކަށް ފުރުސަތު ލިބިގެން ނުދިޔަކަމަށެވެ. މަޖިލިސް ހުއްޓިފައި އޮތީ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ރިޔާސަތު ބެލެހެއްޓުމަށް މިއިނީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުގެ އުޒުރުތަކަށްވުރެއް އަދި މާމަތީ މަސްލަހަތެއް އަޅުގަނޑު އެބަ ހިފަހައްޓާންޖެހޭ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު، ދިވެހިރާއްޖޭގެ މަސްލަހަތު. މިމަޖިލިސް ހުއްޓިފައި އޮތުންއެއީ ރާއްޖޭގެ މަސްލަހަތު، ރައްޔިތުންގެ މަސްލަހަތު ހިފެހެއްޓޭނޭ ގޮތެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ އެހެން ބާރުތަކުން އަދި ހާއްސަކޮށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން މިމައްސަލަ ހައްލުކޮށްދިނުމުގައި އެއްގޮތަަކަވެސް އެހީތެރިވެފައި ނުވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އިންނެވީ އެކަމަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަކީ އެމަނިކުފާނުގެ ވާޖިބެއްކަމަށް ދެކެވަޑައިގެން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އެ ދެބޭފުޅުން އަންނަނީ ދެކޮޅު ހައްދަވަމުންނެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ ރައީސް ކަމަށެވެ. އަދި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިޔާސަތު ބަލަހައްޓަންޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ދެ ބޭފުޅުންގެ މައްސަލަ އެއްފަހަރާ ހުށަހަޅާފައި އޮތުމުން ރައީސް ނަޝިދު ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން ހާމަކުރުމުން މިދިޔަ ހަފްތާއިން ފެށިގެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން އައީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަށް އުޒުރުވެރިވެވަޑައިގެން ރިޔާސަތު ނުބަަލަހައްޓަވާ އެހެން ފަރާތަކަށް ރިޔާސަތު ހަވާލުކުރެވޭނި 3 ޖަލްސާއަށް ކަމަށް ބަޔާން ކޮށްފައިވެއެވެ. އެގޮތުން ތިން ވަނައަށްވާ ޖަލްސާ ބާއްވާފައިވަނީ މިހަފްތާގެ ހޯމަ ދުވަހުއެވެ.