Last Updated: May 4, 10:44
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

އެމްޑީޕީ އަބަދުވެސް ދާނީ ކުރިއަށް: ރައީސް ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަބަދުވެސް ދާނީ ކުރިއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ރައީސް ސޯލިހްގެ ޓްވީޓްގައިވަނީ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެޕާޓީގެ ހުރިހާ މެންބަރުންނަށް އަރިސްކޮށްފައެވެ.

"މާތް للهގެ ހެޔޮ ރަޙްމަތްފުޅާއެކު މި ޕާޓީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީން އެޕާޓީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން އަންނައިރު، އެޕާޓީތެރޭގައި އުފެދުނުނ ހިޔާލުތަފާތުވުންތަކާ ގުޅިގެން އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 15 މެންބަރަކު ވަނީ ޕާޓީން ވަކިވެފައެވެ. އޭގެތެރޭގައި އެޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެއިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްވެސް ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ފަރާތްތަކުގެ ލީޑާޝިޕާއެކު އެމްޑީޕީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ރައީސް ސޯލިހްގެ ކެމްޕޭނަށެވެ.