Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

އިންޓަނެޓްގެ ހިދުމަތް އިތުރަށް އަގުހެޔޮވެ، ހަލުވި ވާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ އިންޓަނެޓްގެ ހިދުމަތުގެ އަގު އިތުރަށް ހެޔޮވެ، ހަލުވި ވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރަކީދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ވ. އަތޮޅަކީ ރާއްޖޭގައި އެންމެ އާބާދީ ކުޑަ އަތޮޅު ކަމަށާއި އެހެެންނަމަވެސް ވ. ރަކީދޫގައި ދިރިއުޅެނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ސަރުކާރުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ކަމަށާއި، ތަފާތު ކުރުމެއް ނެތި ސަރުކާރުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.

ޒަމާނީ ޓެކްނޮލޮޖީއާ މިއަދު ފައި ހަމަކުރަންޖެހޭކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ހިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށާއި، ފަސޭހައިން އެމީހަކު ތިބި ތަނަކުން ހިދުމަތް ލިބޭނޭ ގޮތް ހެދުމަތް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންޓަނެޓްގެ އަގު ހެޔޮ ކޮށްފައިވާކަމަށާއި އަދި މިއަށްވުރެއް އަލުވި އަގުހެޔޮ އިންޓަނެޓެއް ރައްޔިތުންނަށް ލިބޭނެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އޮގަސްޓް މެދުތެރޭގައި ފްރާންސުން ސިންގަޕޯއަށް އަޅާ ކޭބަލްގެ ތެރެއިން ރާއްޖެއަށް އެކަން ކުރެވޭނެ ކަމަށެވެ.

"ނަތީޖާއަކަށް ވެގެންދާނީ މިހާރު އަޅުގަނޑުމެންނަށް މިލިބޭ އިންޓަނެޓްގެ ހިދުމަތް، އަގުހެޔޮވެ، ހަލުވި ވެގެން ދިއުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރަކީދޫގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައިހުރިކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ރަކިދޫގެ ބަނދަރު ރަނގަޅު ފެންވަރަކަށް މިހާރު ހެދިފައިވާ ކަމަށާއި ރަށް ގިރުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ރަކީދޫއަށް އެންމެ މުހިންމު ވެފައިއޮތް އެއް ކަމަކީ ރަށުގައި ތިބެގެން ތައުލީމު ލިބޭނެ ގޮތެއްވުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ސްކޫލްގެ މަސައްކަތްނިމި ހުޅުވުމާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށާއި، ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ސްކޫލަށް ބޭނުންވާ ޓިޗަރުންނާއި މުވައްޒަފުން ހޯދުމަށްފަހު ރަކީދޫގައި ވަރަށް އަވަހަށް ސެޓެލައިޓް ސްކޫލުގެ ހިދުމަތް ފެށޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އުންމީދުކުރަނީ ގެނެވޭ ބަދަލުތަކާއެކު ރަކީދޫގެ އާބާދީ މަޑުމަޑުން އިތުރުވެ އެ ރަށުގެ ރައްޔިތުން އެނބުރި ރަށަށް އައުމުގެ ވިސްނުމެއް އުފެދިގެންދާނެ ކަމަށް ކަމަށެވެ.