Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

ވައުދުތަކުގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެ

2018 ގައި ވި ވައުދުތަކުގެ 90 ޕަސެންޓް މަސައްކަތް ނިމި، ހިނގަމުން އެބަދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ވ. ކެޔޮދޫގައި ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވައުދުވީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ އަސަސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މިހާހިސާބަށް އައިއިރު ހިތްހަމަޖެހޭވަރުގެ މަސައްކަތެއް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ވީ ވައުދުގެ 90 ޕަސެންޓަށްވުރެއް ގިނަ ވައުދު، މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ކޮށްނިމި ހިނގަމުން އެދަނީ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މިހުރިހާ ކަމަކަށް ވާސިލުވެވުނީ ރާއްޖޭގައި ގާއިމުކުރެވުނު ހަމަޖެހިމާއި އަމާންކަމުގެ ސަބަބުން ކަމަށެވެ. އަދިއެކަން ކުރެވުނީ ގިނަބަޔަކު އެކުވެގެން ސަރުކާރެއް ހިންގުމަށް ނިކުތުމުން ކަމަށާއި އަދި އެކަން ދެމެހެއްޓުނީ އެ ކޯލިޝަން ދެމެހެއްޓުމުން ކަމަށެވެ.

ތަފާތު ހިޔާލުގެ މީހުންނާއެކު މަސައްކަތްކުރުމަކީ ބައެއް ފަހަރު ފަސޭހަކަމަކށް ނުވެދާނެކަން ފާހަގަކޮށް ރައިސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ އެގޮތަށް ކަމަށާްއި، ގިނަބައެއްގެ ހިޔާލު އެއްތަންކޮށް އޭގެތެރެއިން އެންމެންނަށް ރަނގަޅުގޮތް ހޯދައިގެން މަސައްކަތްކުރުމުން ހަމަޖެހިމާ އަމާންކަން ގެނެސްދެވުނު ކަމަށެވެ.

ކުރިއަށްއޮތް ތަނުގައިވެސް ރާއްޖޭގައި ހަމަޖެހިގެން މަސައްކަތެއް ކުރެވޭނީ ގިނަބަޔަކުން ގުޅިގެން ވެރިކަމެއް ހިންގައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ރައިސް ސޯލިހް ވިދާޅުވިއެވެ.