Last Updated: May 4, 17:18
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: އެމްޑީޕީ

ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށިގައި ސަޕޯޓަރުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ އޮތީ އެންމެ އަމާޒެއް އަދި އެޖެންޑާ އެއް ކަމަށާއި، އެއީ ރައްޔިތުންނަށް ތަރައްގީ ގެނެސްދީ އަމާން މުޖްތަމައެއް ބިނާކުރުން ކަމަށެވެ. މި ފަސް އަހަރުގައި ހޯރަފުއްޓަށް އަންނަ ބަދަލު މުޅި ބޮޑުތިލަދުންމަތިން ފެންނަ ކަމަށާއި، އަދި ތަރައްގީގެ ބަދަލުތައް ރާއްޖޭގެ ހުރިހާ ރަށަކުންވެސް ފެންނާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ތަރައްގީއަކީ އަބަދުވެސް ބޭނުންވާނެ އެއްޗެއް ކަމަށާއި މިހާރު އޮތް ހާލަަތަށް ވުރެއް އެހެން ހާލަަތަކަށް ބަދަލުވާން ރައްޔިތުން އަބަދުވެސް ބޭނުންވާނެ ކަމަށެވެ. މީގެކުރީ ސަރުކާރުތަކުން ހޯރަފުއްޓަށް ތަރައްގީގެ ގޮތުގައި މާބޮޑު ކަމެއް ކޮށްދެވިފައި ނެތްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، މި ފަސްއަހަރުގައި ހޯރަފުށި ތަރައްގީ ކުރެވުނު ކަމުގެ އިހުސާސް މިއަދު ކުރެވޭ ކަމަށެވެ. އަދި ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ހޯރަފުށީގެ އަގުލަބިއްޔަތު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ހޯރަފުށީގެ ތަރައްގީއަށް އަދިވެސް ކުރަންޖެހޭ ކަންކަން އެބަހުރިކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ހޯރަފުއްޓަކީ މިހާރު ދިރިއުޅެވޭފަދަ ރަށަކަށް ހަދައިދެވިފައިވާ ކަމަށާއި، ދެން އަންނަން ފަށާނީ ހަގީގީ ތަރައްގީ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދައުރުގައި ހޯރަފުށީގެ ބާކީހުރި މަގުތައް އިތުރަށް ހަދާ މުޅިރަށުގައި ތާރުއަޅާނެ ކަމަށާއި އަދި ބޯހިޔާވަހިކަމަށް ބޭނުންވާ ރޯހައުސް އަޅާނެކަމަށްވެސް ވިދާޅުވިއެވެ.

"ކޮވިޑްގެ ތެރޭގައި ހާދައުނދަގުލެއް އަޅުގަނޑުމެންނަށް ކުރިމަތިވިއޭ. އެހެންގޮތަކަށް ބުނާނަމަ، ހާދަ ޖެއްސުމެއް ކުރިއޭ. އުންމީދެއް ނެތްކަމަށްދެކި، އަޅުގަނޑުމެން ނެތިދަނީކަމަށްދެކި ވާހަކަތައް ދައްކަމުންދިޔަ. ބައެއް ސިޔާސީ ލީޑަރުން ނިކުމެ ވިދާޅުވީ ރިސޯޓްތަކުގެ ބަދިގެތަކުގައި ދެންވީ މަސްކައްކަންށޭ، ރިސޯޓްތަކުގައި ވީ ދަނޑުވެރިކަމޭ ކުރަން، މިރާއްޖޭގެ ޓޫރިޒަމް ހަލާކުވެ ދިޔައިއްޔޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ ތެރޭގައި ރައްޔިތުން މާޔޫސްކުރުވާ ސަރުކާރާމެދު ރައްޔިތުން ނަފުރަތު އުފެއްދުމަށް ކެނޑިނޭޅި ވާހަކަ ދައްކަމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް މިއަހަރުވެސް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ވިދާޅުވިއެވެ. ކޮވިޑްގެ ތެރޭގައި އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ މުސްތަގުބަލު އޮތްކަން އެދުވަހުވެސް އެނގުނު ކަމަށާއި، އެފަދަ ފިޔަވަޅުތައް ނޭޅުމުން އަވަށްޓެރި ގައުމުތަކަށް ވެގެންދިޔަގޮތް މިހާރުވެސް ފެންނަން އެބައޮތްކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ 2028 އަށް ރާއްޖެއަށް ދައްޗެއްނެތި 3 މިލިއަން ފަތުރުވެރިން އަންނާނެކަމަށެވެ. އަދި އިގްތިސާދު ޑަބަލް ކުރާ ވާހަކަ ދައްކަނީ އެކަމާ އެކު ކަމަށާއި އެގޮތުން މާލެ އިންޓަނޭޝަނަލް އެއާޕޯޓް އެ ނިމެމުންދަނީ ކަމަށާއި، ހަނިމާދޫ އަދި އައްޑޫ އެއާޕޯޓް ވެސް ތަރައްގީ ވަމުންދާ ކަމަށެވެ.

"ތަސައްވަރެއް އޮވެގެން، އަމާޒެއް އޮވެގެން، ޕްލޭނެއް ކުރެވިގެން ކަންތައްތައް ކުރީމަ ވާގޮތް. ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ އެދުވަހު ބައެއް ސިޔާސީ ލީޑަރުން ބުނިގޮތަށް ރިސޯޓްތަކުގެ ބަދިގެތައް މަސްކައްކާ ތަނަކަށް ހެދިނަމަ ދެންވާނެގޮތަކާ މެދު ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ އެ ސިޔާސީ ލީޑަރުންގެ ވާހަކަތަކަކީ ފިތުނައާ ފަސާދައާ ދެކޮޅުވެރިކަން އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ.