Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު ރައީސް ސޯލިހު

ވެރިކަމުގައި ތިބެވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: އެމްޑީޕީ

ވެރިކަމުގައި ތިބެވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން ބައެއް މީހުންގެ ހުންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. މާރަންދޫގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، މާރަންދު ބަދަލުވަމުން އަންނަ ކަމަށާއި އެގޮތުން މިއަހަރުގެ އިންތިހާބުގައި ވެސް މާރަންދޫގެ ބޮޑު އިންސައްތައެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންނަށް ވައުދުވަމުން ގެންދިޔައީ އެއްވެސް ޕްލޭނެއް ނެތިކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އޭރު ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތައް 24 ގަޑިއިރު ހިދުމަތްދޭ ގޮތަށް ބަދަލުކޮށް އެތަންތަން ހޮސްޕިޓަލު ތަކަށް ހަދަމުން ގެންދިޔައީ ހަމައެކަނި ނަން ބޯޑު ބަދަލުކޮށްގެން ކަމަށާއި، އެކަމަކީ ރައްޔިތުންގެ ވޯޓު ހޯދުމަށް ކުރަމުންދިޔަ ކަމެއް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވައުދު ވެފައިވާނީ ކުރެވޭނެ ކަންކަން ކަމަށާއި، އަދި އެ ވައުދުތަކަކީ ޕްލޭން ކުރެވިގެން ކުރެވޭ ކަންކަން ކަމަށް ވިދާޅުވިއެވެ.

2018 ގައި ވެރިކަމަށް ވާދަކުރިއިރު އޮތް ހާލަތާ މިއަދު ގައުމު އޮތް ހާލަތާ ވަރަށް ތަފާތު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މީގެކުރިން އެމްޑީޕީން އަބަދުވެސް ނިކުންނަނީ ސަރުކާރުތައް ބަދަލުކުރަން ކަމަށާއި، އެ ވިސްނުން އަދިވެސް ބައެއް ބޭފުޅުންގެ ކިބައިގައި އެބަ ހުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ޕާޓީތެރޭގައި ވެރިކަމުގައި ތިބެވެސް ވެރިކަން ބަދަލުކުރުމުގެ ވިސްނުން އެބަހުރި. އެއީ ހަރުލާފަ ނުނެއްޓި ހުރި ކަންތައްތައް. އެހެންނަމަވެސް އަޅުގަނޑުމެން ވެރިކަމަށް އައުމަށްފަހުގައި ދެން ކުރަންޖެހޭނެ ކަމަކީ ވެރިކަން ދެމެހެއްޓުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ވެރިކަންތައް ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ވެރިކަމުގައި ތިބެންވެސް ދަސްކުރަންޖެހޭނެ ކަމަށާއި، ރައްޔިތުންނަށް ހިދުމަތް ކުރެވޭނީ ވެރިކަމުގައި ތިބެގެން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން އިންތިހާބު ކުރީ ކޯލިޝަން ސަރުކާރެއް ކަމަށާއި، އެ ސަރުކާރުގެ ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ދައުރު ނިމި އަނެއް ދައުރު ފެށެންދެން މި ކޯލިޝަން ދަމަހައްޓާނެ ކަމަށް ވިދާޅުވިއެވެ.