Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

ގެސްޓްހައުސް އަޅަން ލުއި ލޯނު ލިބޭ ފަންޑެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: އެމްޑީޕީ

ގެސްޓްހައުސް ބިނާކުރުމަށް ވަކިން ފަންޑެއް ހަމަޖައްސާ، އޭގެތެރެއިން ލުއި ލޯނު ލިބޭނެ ގޮތް ހަދައިދޭނެ ސިޔާސަތެއް ކުރިއަށް އޮތް ދައުރުގެ ތެރޭގައި ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. ބާރަށަށް ވަޑައިގެން އެރަށުގައި ތިއްބެވި ސަޕޯޓަރުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިއަދު ބާރަށަށް ފޭބުމުން ފެނުނީ 2018 ވަނަ އަހަރު ތާއީދު އޮތްވަރަށްވުރެއް އިތުރަށް ތާއީދު އޮތްތަން ކަމަށެވެ. އޭގެން ސާފުވަނީ މި ސަރުކާރުން ގެންނަ ތަރައްގީއާއެކު ކުރިއަށްދާން ބާރަށު ރައްޔިތުން ތައްޔާރަށް ތިބިކަންކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކުޑަތަންވަމުން އަންނައިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ އިންތިހާބުގައި ނިކުމެ ވޯޓުލުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަގުތު އޮތްގޮތުން އިންތިހާބާ މެދު އެހާބޮޑު އަހައްމިޔަތެއް ނުދީ ބައެއް ރަށްރަށުގައި މީހުން ތިބޭތަން ދިމާވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވާދަވެރިން ނެތުން އެއްކަމެއް. ސިޔާސީ ހަރަކާތެއް މާބޮޑު، ވާދަވެރިންގެ ފަރާތަކުންނެއް މި އިންތިހާބާ ދޭތެރެއަކު ނުފެނޭ. އެހެންނަމަވެސް އަޅުގަނޑުމެން ފަރުވާތެރިކަމާއެކީގައި މިކަން ކުރަންޖެހޭނީ. މިއީ މުޅިރާއްޖޭގެ މުސްތަގުބަލާ ދޭތެރޭގައި އަޅުގަނޑުމެން ނިންމަންޖެހޭ ނިންމުމެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ބާރަށުގައި މިސަރުކާރުން ގިނަ ތަރައްގީގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމާއި އަދި ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

ބޮޑުތިލަދުންމައްޗަށް މި ސަރުކާރުން ބޮޑު ބަދަލެއް ގެންނަކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އާރްޓީއެލްގެ ހިދުމަތާއެކު މުޅި ބޮޑު ތިލަދުންމަތި އެކީގައި ގުޅުމުން މިއިން ކޮންމެ ރަށަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ބާރަށުގައި 'ރަށު ފަތުރުވެރިކަން' ތަރައްގީ ކުރުމަށް ވަރަށްވެސް ރަނގަޅުވާނެކަން ފާހަގަކޮށް ރައީސް ސޯލިހް ވަނީ އެކަމަށް ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ދައުރުގެ ސިޔާސަތުތަކުގެ ތެރޭގައި، ގެސްޓްހައުސް ބިނާކުރުމަށް ވަކިން ފަންޑެއް ހަމަޖައްސާ، އޭގެތެރެއިން ލުއި ލޯނު ލިބޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. އޭގެސަބަބުން ރަށުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރަށުގައި ތިބެ އާމްދަނީ ހޯދުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.