Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

ރައީސްގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖައްސައިފި

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ހަމަޖައްސަވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަސްލަމްގެ ކުށުގެ ރެކޯޑް ސާފުކުރުމަށް ފޯމް ވަނީ ޑީޖޭއޭއަށް ވެސް ހުށަހަޅާފައެވެ. އަދި ރަނިންމޭޓެއްގެ ގޮތުގައި އަސްލަމް ކަނޑައެޅުއްވިކަން އޭނާއަށްވެސް އަންގާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

އައްޑުއަށް ނިސްބަތްވާ އަސްލަމް ރައިސް ސޯލިހްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އަދި އެމްޑީޕީން އެކަން ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކުން އަންނަނީ ރަނިންމޭޓުން ކަނޑައެޅުމުގެ މަސައްކަތްތައް އަދި ވާދަކުރުމަށް ކުރައްވަންޖެހޭ އިދާރީ މަސައްކަތްތައް ކުރައްވަމުންނެވެ.

މިހާތަނަށް އިންތިހާބުގައި ވާދަކުރެއްވުމަށް އީސީއަށް ފޯމް ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޕީޕީއެމްގެ ޓިކެޓުގައި ރައީސް ޔާމީން އިންތިހާބަށް ވާދަކުރައްވަން ފޯމް ހުށަހެޅުއްވުމުން އީސީން ނިންމީ އެމަނިކުފާނުގެ ކިބައިގައި އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާކަމަށެވެ. އެހެންކަމުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.