Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު ރައީސް ޔާމީން

ސުޕްރީމް ކޯޓުންވެސް ޔާމީނަށް ނާކާމިޔާބުވެއްޖެ

ރައީސް އަބްދުﷲ ޔާމިން ސުޕްރީމް ކޯޓުގެ ޝަރިއަތުގައި ވާހަކަ ދައްކަވަނީ--

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކިބައިގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ރައީސް ޔާމީން އީސީއަށް ކެންޑިޑަސީ ހުށަހެޅުމުން އީސީން ނިންމާފައިވަނީ ރައީސް ޔާމީނަށް "ރައިސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން، އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރެވެން ނެތް" ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ޖުރިމަނާގެ ސާބިތު ދަރަންޏެއް ދައްކާފައިނުވާތީ ޝަރުތު ފުރިހަމަ ނުވާކަމަށެވެ.

މިމައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ބުނެފައިވަނީ ރައީސް ޔާމީން ކެންޑިޑަސީ ފޯމް ހުށަހެޅިއިރު ސާބިތު ދަރަންޏެއް އޮތްކަމަށާއި އެހެންކަމުން ޝަރުތު ފުރިހަމަ ނުވާކަމަށް އީސީން ނިންމީ ރަނގަޅަށް ކަމަށެވެ. އަދި ޖަލު ހުކުމެއް އޮތުމުން ރައީސް ޔާމީންގެ ޝަރުތު ފުރިހަމަނުވާކަމަށް އީސީން ނިންމީ ރަނގަޅަށް ކަމަށްވެސް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން ރައީސް ޔާމީންގެ ކިބައިގައި ޝަރުތު ފުރިހަމަ ނުވާކަމަށް އީސީން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ބުނެފައިވެއެވެ. އަދި އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރައްވާފައިވެއެވެ.

އެހެންކަމުން، ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އަދި (ޅ) ގައި ބަޔާންކުރާ ޝަރުތު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ވަނީ ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗް-

ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި އޮތްއިރު މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުން އެ މައްސަލަ މިހާރު އޮތީ މަޑުޖެހިފައެވެ. މީގެއިތުރުން ކްރިމިނަލް ކޯޓުގައި އަންނަނީ އެމަނިކުފާނުގެ އިތުރު މައްސަލައެއްގެ އަޑުއެހުންތައްވެސް ކުރިއަށްދަމުންނެވެ.