Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

ސުލްހަވެރިކަން ނަގާލައިގެން ކާމިޔާބެއް ނޯންނާނެ

ހަމަނުޖެހުމާއި، ސުލްހަވެރިކަން ނަގާލައިގެން ކާމިޔާބު ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގދ. މަޑަވެލީގައި ސަޕޯޓަރުންނާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ މަޑަވެލީގެ އެމްޑީޕީގެ ޖަގަހައިގައި ރޯކޮށްލުމުން އެކަން ކުށްވެރިކުރައްވާފައެވެ. އަދި އެކަމުން އެނގިގެންދަނީ މި އިންތިހާބު ކާމިޔާބު ކުރެވިފައިވާ ކަންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ އެކަމަށް ޖަވާބު ދިނުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް އެދޭ ކަމަށާއި، އަމާޒު ބަހައްޓަންވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ.

"ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ވޯޓުން. މިރާއްޖޭގައި ހަމަނުޖެހުމާއި، ތަޅާފޮޅުމާއި، ސުލްހަވެރިކަން ނައްތާލައިގެން ކާމިޔާބު ކުރެވޭނެ ކަމެއް ނޯންނާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތަކީ ރަށްރަށުގައި ތިބި މަސައްކަތްތެރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުން ކަމަށެވެ. އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަމާން ހަމަޖެހޭ މުޖުތަމައެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2014 ގެ ކުރިން ރާއްޖެ އޮތް ހާލަތަށް ގެންދިއުމަށް ބައެއް މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެހެންނަމަވެސް އެމާޒީއަށް އެނބުރި ދާން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މި ފަސް އަހަރުގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތައް ފާހަގަކުރެއްވުމަށްފަހު ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ސިއްހީ ދާއިރާއަށް ބޮޑު ބަދަލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އިތުރު ހިދުމަތްތައް ރައްޔިތުންނާ ކައިރިން ދެވޭނެ ގޮތެއް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ބަލިވުމުގެ ކުރިން ބަލިން ސަލާމަތްވުމަކީ ގައުމީ ސިއްހީ ސިޔާސަތުގެ ބިންގާކަމުގައި އަޅުގަނޑުމެން ހަދާނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތް ކުރާނީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށާއި، ސިޔާސީ ވިސްނުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ހުރަހެއްކަމަށް ނުބަލާ، ކޮންމެ ރަށަކަށްވެސް ބޭނުންވާ ހިދުމަތްތައް އެ ރަށްރަށަށް ފޯރުކޮށްދޭނެ ކަމަށެވެ.