Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

އެޑިއުކޭޝަނަލް ޓުއަރިޒަމަށް މަގުބޫލު ތަނަކަށް ރާއްޖެ ހަދަނީ

ރާއްޖެއަކީ އެޑިއުކޭޝަނަލް ޓުއަރިޒަމަށް މަޤްބޫލު ގައުމަކަށް ހެދުމަކީ ކުރިއަށްއޮތް ދައުރުގެ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގދ. ވާދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އިންތިހާބަށް މަސްދުވަހަށް ކުޑަތަންވެފައިވާ ކަމަށާއި، މިކުރާ ދަތުރުތަކުން ވަރަށް ރަނގަަށް ސާފުވަމުންދަނީ، "އުފާވެރި އަމާން ރާއްޖެ"އެއް ހޯދުމަށް ދިވެހިން އެދިއެދިތިބިކަން ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ މަސައްކަތުގެ ބުރަކަމާ، ކުރަންހުރި ކަންތައްތައް ގިނަކަމާ، ދައުލަތުގެ ފައިސާ ނެތުމާ، މިހުރިހާ ދައްޗަކާ އެކުގައި ކުރިއަށްގޮސް މި ފަސް އަހަރު ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށް ނިންމާލެވިފައިވާ ކަމަށެވެ. މި 5 އަހަރުގައި ކުރެވުނު އެންމެ ރަނގަޅު މަސައްކަތަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި، އަދި ތައުލީމީ ޖީލެއް ބިނާކުރުމަށް ކުރެވުނު މަސައްކަތް ކަމަށެވެ. ހިލޭ ޑިގްރީއަށް ކިޔެވޭގޮތަށް ހުޅުވާލި ފުރުސަތުގެ ވާހަކަ ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ މަސައްކަތަކީ ރާއްޖެއަށް ސަރުކާރަކުން ކޮށްދެވުނު އެންމެ އަގުހުރި މަސައްކަތް ކަމަށެވެ. ރާއްޖޭގެ މުސްތަގުބަލު އޭގެސަބަބުން އުޖާލާވެއްޖެ ކަމަށާއި އަދި ރަށްރަށުގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތައް އަންނަކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ މި ދައުރުގައި ކުރިއަށްގެންދާ އެންމެ އަގުހުރި މަސައްކަތަކީ ތައުލީމީ ދާއިރާ ކުރިއެރުވުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރުގައި ވެސް އެންމެ އިސްކަމެއް ދޭނެ އެއް ދާއިރާއަކީ މަތީ ތައުލީމު ޒުވާނުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަންކުރުން ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގެ ލޭންޑްޔޫޒް ޕްލޭން ހަދާއިރު އެރަށަށް ބޭނުންވާ އިންސާނީ ވަސީލަތް ބޭނުންވަނީ ކިހާވަރަކަށްތޯ ލޭންޑްޔޫޒް ޕްލޭންގައި ހިމަނާގޮތަށް ސިޔާސަތުތައް ބަދަލުކުރާނެ ކަމަށެވެ. އޭރުން ކޮންމެ ރަށެއްގައި އުފެދޭނެ ވަޒީފާތަކާއި އެކަމަށް ބޭނުންވާ ތަމްރީން ލިބިފައިތިބި ޒުވާނުން އުފެދިގެން އަންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މިދާއިރާއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން މީހުން ބަލައިގަންނަ ދާއިރާއަކަށްހަދައި، ރާއްޖެއަކީ އެޑިއުކޭޝަނަލް ޓުއަރިޒަމަށްވެސް މަޤްބޫލު ގައުމަކަށް ހެދުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިން އިސްސަފަށް ގެންދިއުމަށް ބޭނުންވާ ހުނަރާއި ތައުލީމް އަޅުގަނޑުމެން ފޯރުކޮށްދޭނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ދައުލަތަށް ހިދުމަތްކުރާ މިންވަރަށް ބަލާ، ސްޓޫޑަންޓް ލޯން ދައްކަންޖެހޭ މިންވަރުން ބައެއް މާފުކުރުމަކީ ސިޔާސަތެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވަނީ "އުފާވެރި އަމާން ރާއްޖެ"އެއް ހޯދުމަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ނިކުމެވަޑައިގެން ވޯޓު ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.