Last Updated: May 4, 16:29
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

އަމާޒަކީ ގަދަވެރި ދިރިއުޅުމަކަށް ފުރުސަތު ފަހިކޮށް ދިނުން

އަމާޒަކީ ގަދަރުވެރި ދިރިއުޅުމަކަށް ހުޅުވާލެވިފައިވާ ފުރުސަތު އިތުރު ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގއ. ކޮނޑޭއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮނޑޭއިން ގޯތި ދޫކުރުމަށް ހުޅުވާލިއިރު މުޅިރާއްޖޭގެ އެންމެނަށް ގޯއްޗަށް ކުރިމަތި ލެވޭ ގޮތަށް ހުޅުވާލާފައިވާކަމަށާއި، އެއީ ކޮނޑޭގެ މުސްތަގުބަލާ ދޭތެރޭގައި ކައުންސިލުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށް ދެކޭ ކަމަށް ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމް ފެތުރިގެންދާއިރު، މުޅި ރާއްޖެ ވައިގެ މަގިން އަދި ކަނޑުގެ މަގުން ގުޅިގެން ދާކަމަށާއި އަދި ކޮނޑޭއަކީ ލޯކަލް ޓޫރިޒަމަށް މުޅިން ފައްކާވެފައި އޮތް ރަށަކަށް މިހާރު ވަމުންދާ ކަމަށެވެ.

އެމަނިކުފާނުގެ ދެވަނަ ދައުރަށް އެކުލަވާލާފައިހުރި ސިޔާސަތުތައް ހާމަކުރަމުންދާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ގަދަރުވެރިކަމާއެކު މީހުންނަށް ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަކީ އޭގެން އެއްކަންތައް ކަމަށެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތްތައް މިހާރުވެސް ބޮޑުކޮށްފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ގަދަރުވެރި ދިރިއުޅުމަކަށް ހުޅުވާލެވިފައިވާ ފުރުސަތު އިތުރު ކުރުން ކަމަށެވެ.

ކޮންޑޭގެ ރައްޔިތުން މިސަރުކާރަށް ތާއީދުކުރާނެކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ ޔަގީންކަމާއެކު ނިކުމެ ސެޕްޓެމްބަރު 9 ގައި އެމްޑިޕީއަށް ވޯޓުލުމަށް އެދިވަޑައިގެންފައެވެ. ރައްޔިތުން ނިންމާ ނިންމުން ގުޅިފައިވަނީ ގައުމުގެ މަސްތަގުބަލާ ކަމަށާއި، އެނބުރި އަނިޔާވެރިކަމާއި ބިރުވެރިކަމަށް ދިއުމަކީ ރައްޔިތުންގެ ވޯޓާ ގުޅިފައިއޮތް ކަމެއް ކަމަށް ވިދާޅުވިއެވެ.