Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

ކޮންމެ 5 އަހަރަކުން ސަރުކާރު ބަދަލުވާނަމަ ތަރައްގީ ހުއްޓިދާނެ

ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވާނަމަ ތަރައްގީ ހުއްޓިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގއ. ނިލަންދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ 2018 ގައި ނިކުތީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ ދަށުންކަމަށާއި، އޭގެތެރެއިން ގިނަކަންކަން މިހާރު ކުރެވިފައިވާ ކަމަށެވެ. ރާއްޖޭގެ ރަށްރަށުގައި ގިނަ ރައްޔިތުންނަށް ބޭނުންވެފައިތިބި އަސާސީ ހިދުމަތްތައް މިހާރު ފުރިހަމަވެ ނިމެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ކުރިން އޮތް ހަމަނުޖެހުމާއި ހަލަބޮލިކަން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހުއްޓުމަކަށް ގެނެވިފައިވާ ކަމަށެވެ. ތަރައްގީގެ މަގުގައި މަސައްކަތްތައް ކުރާއިރު އެންމެ މުހިންމު އެއް ކަމަކީ، ހަމަޖެހުން ގާއިމުވެފައި އޮތުން ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ތަރައްގީއަށް ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރިކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ މަސައްކަތްތަކައިގެން ވެރިކަމުގައި ތިބޭ ބަޔަކަށް ކުރިއަށްދެވޭނީ "ބޭކާރު ސިޔާސީ ހަލަބޮލިކަން ނެތިގެން" ކަމަށެވެ.

"މިއަދު ރާއްޖެ ފައްކާވަމުން މިދަނީ ޒަމާނީ ޑިމޮކްރަސީއަކަށް. ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް ބަޔަކީ ހިޔާލުފާޅުކުރުމާއި އެއްވެއުޅުމާއި އަދި ނޫސްވެރިކަމުގެ މިނިވަންކަމާ، މި ހުރިހާ ކަމެއް ފުރިހަމަވެފައިއޮތުން. އެއާއެކީގައި ސިޔާސީ ހިޔާލު ތަފާތުވުންތަކަށް ޖާގަދީ ރައްޔިތުންނަށް ކޮށްދޭންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަކާ ކުރިމަތިލާއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރިކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ޑިމޮކްރަސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތުދޭނަމަ ރައްޔިތުން ބޭނުންވާ ތަރައްގީ ނުލިބޭނެ ކަމަށެވެ. މި ސަރުކާރުން ގިނަ މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވާނަމަ އެކަންކަން ހުއްޓިގެން ދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަން ތަޖުރިބާ ކޮށްފިން. 2008 ގައި އެމްޑީޕީ ވެރިކަމަށް އައިސް ފެށި ވަރަށް ރަނގަޅު ގިނަ މަސައްކަތްތަކެއް ޖެހިގެން އައި ރިޔާސީ ދައުރުގައި މުޅިން ބަދަލުވެގެން ހިނގައްޖެ. ރަށްރަަށާ ދޭތެރޭގައި އަޅާލަންވާ ވަރަށް އެ ފަސްއަހަރުގެ ތެރޭގައި ނެތް މަސައްކަތް ކުރެވިފައެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް ރައްޔިތުންގެ ވިސްނުން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންނޫންނަމަ ބޭކާރު އެތައް ހަރަދެއް އަނެއްކާވެސް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.