Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު ޑރ. މުހައްމަދު މުއިއްޒު

ރަށްރަށުގެ އާބާދީ ތަފާތުވުމަކީ ތަރައްގީ ތަފާތުވާނެ ކަމެއް ނޫން

ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ޕީޕީއެމް

ރަށްރަށުގެ އާބާދީ ތަފާތުވުމަކީ ތަރައްގީ ތަފާތުވާނެ ކަމެއް ނޫން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މުއިއްޒު ހޯރަފުއްޓަށް ވަޑައިގަތުމުން އެ ރަށުން ވަނީ މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ހޯރަފުށީގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ރައީސް ޔާމީންގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ކަމަށާއި، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތް އެންމެ އިސްކަމެއް ދީގެން ކުރާ ކަމަށެވެ.

ނުހައްގުން ރައީސް ޔާމީން ޖަލުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގައުމަށްޓަކައި ވަމުންދާ ގުރުބާނީ ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ސެޕްޓެމްބަރު 9 ގައި އޮންނަ އިންތިހާބަށް ޤައުމީ ވިސްނުމުގައި އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަކީ އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންތައް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާނޫނީ ހަމަތަކުގެ މަތިން އެންމެ ފުރަތަމަވެސް ހާސިލުކުރާނެ ކަމަކީ އެމަނިކުފާނު ރައީސް އަބްދުﷲ ޔާމީން] މިނިވަންކުރުން." މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ތަފާތު ކުރުމެއްނެތި ރަށްރަށުގެ ތަރައްގީއަށްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭނާގެ ވިސްނުމަކީވެސް އެމަގުން މަސައްކަތް ކުރުން ކަމަށެވެ. ރަށްރަށުގެ އާބާދީ ތަފާތުވުމަކީ ތަރައްގީ ތަފާތުވާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރަންޖެހޭކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އަސާސީ ހިދުމަތްތަކާއި އެ ރަށެއްގެ ރައްޔިތުން އުންމީދުކުރާ ކަންކަން ހާސިލުކޮށްދިނުމުގައި ތަފާތުކުރެވިގެން ނުވާނެ ކަމަށެވެ.

ހޯރަފުށީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ އެންމެ ބޮޑު އިސްކަމެއް ދީގެން އެރަށުގައި ކުރާނެ ކަންތައް ކަމަށާއި އަދި އެ ބިމުގައި ހައުސިން ޔުނިޓް އެޅުމާއި ވަޒީފާ އުފެދޭނެ މަޝްރޫއުތައް ހިންގޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއް ވާނީ ތަރައްގީއަށް ލޯބިކުރާ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ އަޑުއަހައިގެން ހާސިލުކޮށްދިނުމުގައި އިހުލާސްތެރި މަސައްކަތެއް ކުރާ ސަރުކާރަކަށް ކަމަށެވެ. ޤައުމުގެ ކަންކަން ގޮސްފައިވާ ހިސާބުން ރައްޔިތުން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށާއި އަދި ޤައުމީ ރޫހުގައި އިންތިހާބަށް އެކައްޗެއް ކިޔަންޖެހޭ ކަމަށެވެ. ޕީޕީއެމް ޕީއެންސީ ނިކުމެ ތިބީ ޤައުމު އިސްކޮށްގެން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.