Last Updated: May 4, 16:41
Saturday, May 4, 2024
ޚަބަރު ޑރ. މުހައްމަދު މުއިއްޒު

ޤާނޫނުތައް އިސްލާހުކޮށް އެއްވެ އުޅުން ފުޅާކޮށް ދޭނަން

ޑރ. މުހައްމަދު މުއިއްޒު-

ޤާނޫނުތައް އިސްލާހުކޮށްގެން އެއްވެއުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ފޯރުކޮށްދޭނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. އަދި ހދ. ގެ ރަށްތަކަށް މުއިއްޒު ދަތުރުކުރައްވަމުން ގެންދަވާއިރު މިއަދު ވަނީ ހއ. ކެލާއަށް ވަޑައިގެންފައެވެ. އެރަށުން މުއިއްޒަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. ކެލާގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ސަރުކާރަކުން އެންމެ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމަކީ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް ފަހިވެ އާމްދަނީ ލިބޭނެގޮތް ވުންކަމަށެވެ. ގިނަ ޒުވާނުން ރަށުން ބޭރުގައި މަސައްކަތް ކުރަނީ ވަޒީފާގެ ފުރުސަތުތައް ރަށްރަށުގައި ނެތުމުންކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކެލާގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމާއި އަދި ކެލާގައި ފަތުރުވެރިކަން ފުޅާކޮށް އެކަމުން އާމްދަނީ އިތުރުވާނެ ގޮތް ހަދައިދެއްވާނެ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ލިބޭނެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދަނޑުވެރިންނަން ބޭނުންޖެހިފައިވާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ކެލާގައި ބަނދަރާ ގުޅިގެން ބިން އިތުރު ކުރެވެން އެބައޮތްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެގޮތަށް އުފެއްދޭ ބިމުގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމުގެ ވިސްނުން ހުރިކަމަށެވެ.

މީގެއިތުރުން ރާއްޖެއަށް ހަމަޖެހުން އަންނަންޖެހޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމުކުރެވޭނީ ވިސްނުން ތަރައްގީ ކުރެވި އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމުކުރާ ބަޔަކަށް ވެގެން ކަމަށެވެ. މުއިއްޒު ވިދާޅުވީ ވެރިކަން ކުރަން އަންނާނީ ވަކި ޕާޓީއެއްގެ ބަޔަކަށް ނޫން ކަމަށާއި، ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއްކަމަށެވެ. ރައްޔިތުންގެ އަސާސީ ހައްޤުތައް ކަށަވަރު ކޮށްދޭންޖެހޭކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމަކީ އަސާސީ ހައްގެއް ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ބަޔާންކުރާ ހުދޫދުގެ ތެރޭގައި އަދި އެ ހައްޤު ލިބިދޭ އެންމެ ފުޅާމިނުގައި ލިބިދިނުމަށް ޤާނޫނުތަކަށް ގެންނަޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

"ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެ ފުޅާމިނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ތަންދޭ އެންމެ ފުޅާމިނަކަށް، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި އެއްވެއުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބެގެންދާނެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް މި ދެންނެވި ހުދޫދުގެ ތެރޭގައި ލިބިގެންދާނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި އޭނާގެ ވެރިކަމެއްގައި ރައްޔިތުން ކަންބޮޑުވެގެން ފާޅުކުރަންބޭނުންވާ ހިޔާލެއް ފާޅުނުކުރެވިގެން އުޅެން ނުޖެހޭނެ ކަމަށާއި، އޭނާގެ ވެރިކަމެއް ވާނީ ރައްޔިތުންގެ ހިޔާލު އަޑުއަހާ ވެރިކަމަކަށް ކަމަށެވެ.