Last Updated: May 4, 19:16
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

ކޮންމެ ރަށަކުންވެސް ފެންނަނީ ތަރައްގީގެ ބޮޑު ބަދަލުތަކެއް

ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފެންނަނީ ތަރައްގީގެ ބޮޑު ބަދަލުތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް މިއަދު ވަނީ އއ. ތޮއްޑޫއަށް ވަޑައިގެންފައެވެ. އެގޮތުން ތޮއްޑޫގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ދައުރުގައި ތޮއްޑޫއަށް ވެފައިވާ ވައުދުތައް ފުރިހަމަ ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ގިނަ މަސައްކަތްތަކެއް ނިމި އަނެއްބައި މަސައްކަތް ނިމެމުންދާ ކަމަށް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ކެމްޕޭނަށް ނިކުތީ ޖަޒީރާ ރާއްޖެ ތަސައްވުރަކާއެކީކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ ކަންތައްތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ކެމްޕޭންގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދެވިއްޖެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ރަށަކުންވެސް ފެންނަނީ ތަރައްގީގެ ބޮޑު ބަދަލުތަކެއް ކަމަށެވެ.

ވެފައިވާ ވައުދުތައް ބަރާބަރަށް ފުއްދަމުންދާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވި ރިޔާސި އިންތިހާބުގައި އެކި ކެންޑިޑޭޓުން އެކި ވައުދުތައް ވާނެކަމަށާއި އެހެންނަމަވެެސް މާޒީގައި ކަންވީގޮތާއި މި ހިނގާ 5 އަހަރުގައި ކަން ހިނގާފައިވާގޮތް މިނެކިރާލަންވާނެ ކަމަށެވެ. މި ފަސް އަހަރުގައި މީންޒަމާނަކު ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގާވަރަށް ކޮންމެ ރަށެއްގައިވެސް މަޝްރޫއުތައް ހިނގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ވައުދުވަނީ ވައުދު ފުއްދާ، ރާއްޖެ ބަދަލުކޮށް، ރައްޔިތުންގެ ދިރިއުޅުން ބިނާކޮށްދިނުމަށް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެވެސް އަމާޒަކީ އެއީ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.