Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު ރައީސް ސޯލިހު

ޔާމީން ޖަލުގައި އޮންނާތީ ކަންބޮޑުވޭ، ޝަރީއަތަށް އަތް ނުބާނާނަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނާތީ ކަންބޮޑުވާކަމަށާއި އެހެންނަމަވެސް ޝަރުއީ ދާއިރާއަށް "އަތް ނުބާނާނެ" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އއ. ރަސްދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޕީޕީއެމަށް އަނެއްކާވެސް ފުރުސަތު ލިބިއްޖެނަމަ ވާނެގޮތާމެދު ވިސްނާލަން ޖެހޭ ކަމަށާއި، ޕީޕީއެމްގެ ވެރިކަމުގައި ތަހައްމަލު ކުރި ވޭނާއި ހުރަސްކުރަންޖެހުނު ކަންތައްތައް އަދި ހަނދާނުން ފިލައިގެން ނުދާކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ ހިޔާލުތަފާތުވުންތައް އެކަހެރިކޮށް، ރިޔާސީ އިންތިހާބަކީ ގައުމަށާއި ރަށަށް ވާގޮތަކާގުޅޭ އެއްޗަކަށްވާތީ އެކަމަށް ވިސްނުމަށްފަހު ވޯޓު ދެއްވުމަށް އެދޭކަމަށެވެ.

އިދިކޮޅުން އަބަދުވެސް ދައްކަނީ އެބޭފުޅުން ވެރިކަމަށް އަތުވެއްޖެނަމަ ކޮންމެވެސް މީހަކު ޖަލުގައި ބައިންދާނެ ވާހަކަ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ އެ ވިސްނުން ނެތްކަކަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"ޝަރުއީ ދާއިރާގެ ތެރެއަކަށް އަޅުގަނޑުމެނެއް އަތެއް ނުބާނާނަން. މިނިވަން ކަމާއެކީގައި ޖުޑިޝަރީ ހިންގުމުގެ ބާރު މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނިގެން ގޮސްފައިވާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

އިދިކޮޅުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮތުންކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެކަމަކީ އެމަނިކުފާނުވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު މިދެންނެވީ، ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުނުޖެހުން، އެއީ އެ ބޭފުޅުންގެ ކަންބޮޑުވުމެއް. އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވޭ އެކަމާ. އެހެންނަމަވެސް، ޝަރީއަތެއްގެ މެދުތެރޭގައި އޮއްވައި އެއާ ދޭތެރެއަކު ގޮތެއް ނިންމުމުގެ ބާރެއް އަޅުގަނޑަކަށް ނޯވޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ޝަރީއަތުގެ ތެރެއަށް އަތްބޭނުމަށް ބަޔަކަށް އެމަނިކުފާނަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި އެކަން އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތައް ފުރިހަމައަށް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު މިއަދު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.