Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު ޝަރުއީ ދާއިރާ

ސުއޫދުގެ ހިތްހަމަނުޖެހުން ޖޭއެސްސީ އަށް!

ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރު ސުއޫދު-

ސުޕްރީމް ކޯޓުގެ އިދާރީ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ނެތް ކަމަށާއި ކޯޓަށް ސެކްރަޓަރީ ޖެނެރަލެއް އައްޔަނު ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވިދާޅުވެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ނުރުހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަމާޒުވެއްޖެއެވެ.

ފަނޑިޔާރު ސުއޫދުގެ ފާޑުކިޔުމާއި ހިތްހަމަނުޖެހުން ޖޭއެސްސީއަށް އަމާޒު ކޮށްފައިވަނީ، ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާ ދޭން އެންގި މައްސަލަ ޖޭއެސްސީން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި މިއަދު އެ ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގެ ތެރެއިންނެވެ.

ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދަށުން މީގެކުރިން ހިންގަމުންދިޔައިރު، ޖޭއެސްސީގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހާއެކު ޑީޖޭއޭވަނީ ޖޭއެސްސީގެ ދަށަށް ގެންގޮސްފައެވެ. އަދި ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަންވެސް މިހާރު ކުރިއަށް ގެންދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ކޯޓުތަކަށް ނަގަންޖެހޭ އިދާރީ މުވައްޒަފުން ނެގުންފަދަ ކަންކަންވެސް މިހާރު ކުރިއަށްގެންދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ.

ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުން ޑީޖޭއޭއިން ވަކިކުރިނަމަވެސް ކޯޓުގައި ޑީޖޭއޭ ތަމްސީލުކުރަނީ ޖޭއެސްސީގެ ފަރާތުންނެވެ. މިއަދުގެ އަޑުއެހުމުގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ޖޭއެސްސީއަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖޭއެސްސީގެ ވަކީލު ވިދާޅުވީ ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ހިންގުމުގެ ބާރު ގާނޫނީ ގޮތުން އޮތީ ޖޭއެސްސީއަށް ކަމަށެވެ. އެއާއެކު ފަނޑިޔާރު ސުއޫދުވަނީ، ދެއަހަރުވާއިރު ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނަރަލެއް އައްޔަނު ނުކުރެވޭނަމަ އަދި އިދާރީ މުވައްޒަފުން އައްޔަނު ނުކުރެވޭނަމަ، ދެން އެކަމުގެ ޒިންމާވާނީ ކޮން ފަރާތަކުންތޯ ސުވާލު ކުރައްވާފައެވެ.

"ދޮޅުއަހަރު ދެ އަހަރު ވެގެން މިދަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ސެކްރަޓަރީ ޖެނެރަލަކު އައްޔަނު ކޮށްދޭށޭ އާދޭސް ކުރާތާ. މިހެން އާދޭސްކުރާގޮތަށް މިކަން ހިންގަން ބާއްވަންތޯ، މިޤާނޫނުއަސާސީ ދެކޭގޮތަކީ އެއީތޯ؟ މިހާރު މިވަނީ ދެ އަހަރު. ދެ އަހަރު ވީއިރު ސުޕްރީމް ކޯޓަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ސެކްރަޓަރީ ޖެނެރަލަކު ނުވަތަ އިދާރި އެންމެ އިސް މުވައްޒަފަކު އައްޔަނު ނުކޮށްގެން މިއުޅެނީ. ކޮން ނުފޫޒެއްގެ ދަށުގަތޯ އަޅުގަނޑުމެން މިތިބީ؟ މިތަން ހިންގަނީ ކިހިނެއް؟ ދެން ކޮން ވާހަކައެއް ތި ދައްކަނީ؟ މިއީ ކޮންކަމެއްތޯ މިއީ؟" ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ ޑިޕާޓްމެންޓަށް ދުވަހުން ދުވަހަށް މުވައްޒަފުން އައްޔަނުކުރެވޭނަމަ ރަނގަޅު ކަމަށާއި، އަދި ޖޭއެސްސީއަށް ޖުޑިޝަރީ ހިންގޭނަމަ ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

"އަށެއްކަ، ނުވަމަސް ދުވަހު އެދޭއިރުވެސް މިއުޅެނީ މިތަނަށްވެސް މުވައްޒަފުން ނުދެވިގެން. ދެން މިތަނަށް އައިސް މިބުނަނީ ތިމަންނަމެންނޭ ހިންގަނީ. އަޅުގަނޑުމެންނަކަށް ނެތް އަޅުގަނޑުމެންގެ މުވައްޒަފަކު އައްޔަނު ކުރެވޭކަށް، މިތަން ހިންގޭކަށް. މިތާތިބި ހަތް ފަނޑިޔާރުން ނޫން މީހަކު މިތާކު ނެތް. އިދާރީ މުވައްޒަފެއް ނެތް މިތާކު. ދެން ތިބުނަނީ ތިމަންނަމެންނޭ ޖުޑިޝަރީ ހިންގަނީ. ތިމަންނަމެންނޭ ހިންގާނީ. އެގޮތަށޭ ޤާނޫނުއަސާސީ ދެކެނީ. ދެން ކިހިނެތް ހަދަންވީ. ދެންތިބި އެހެން އިދާރީ މުވައްޒަފުން ކަނޑާލައިގެން ތި އުޅެނީ އެހެން ކޯޓުތަކުގައި ތިބި." ހިތްހަމަނުޖެހި ހުންނަވާ ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

އޭގެފަހުންވެސް ޝަރީއަތުގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ ތަކުރާރު ކުރައްވާ ސުޕްރީމް ކޯޓަށް އިދާރީ އެންމެ އިސް މުވައްޒަފަކު ލިބޭނީ ކޮންއިރަކުންތޯ ސުވާލު ކުރައްވާފައެވެ. ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓިފައިވާކަމަށާއި މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށެވެ. އެކަމަށް ފަރުވާއެއް ލިބޭނީ ކޮންއިރަކުންތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ.

"އިދާރީ ގޮތުން މިކޯޓު ހިންގޭކަށް ނެތް. މިކޯޓަކަށް މިނިވަންކަމެއް ނެތް މިކޯޓަށް މުވައްޒަފުންލާކަށް. ބަޔަކު ދިނިއްޔާ އަޅުގަނޑުމެން ކައިގެން މިތިބެނީ، ބަޔަކު ދިނިއްޔާ ފޮތާ ފަންސުރާ މި ލިބެނީ، ބަޔަކު ދިނިއްޔާ މުވައްޒަފުން މިލިބެނީ. އެކަމަކު އަޅުގަނޑުމެންނަކީ މިނިވަން ފަރާތެކޭ ދައުލަތުގެ އެއްބާރުކަމަށް މިބުނަނީ." ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ސުއޫދު ވަނީ އެ ކޯޓަށް އިދާރީ އެންމެ އިސް މުވައްޒަފެއް ލިބޭނެ ދުވަހެއް ބަލަން ބޭނުންވާކަމަށް ވިދާޅުވެ ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ.

އެ ސުވާލުތަކާ ގުޅިގެން ޖޭއެސްސީގެ ވަކީލު ވިދާޅުވީ އެކަމަށް އެއްޗެެއް ވިދާޅުވާން އޭނާއަށް އުނދަގޫ ކަމަށެވެ. އެހެންނަމަވެސް އެ ކަންބޮޑުވުންތައް ހިއްސާކުރާނެ ކަމަށެވެ.

އޭގެފަހުން ޝަރީއަތް ކުޑަވަގުތުކޮޅަކަށް މެދުކަނޑާލުމަށްފަހު ކުރިއަށް ގެންގޮސްފައިވަނި ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ.