Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު ރައީސް ސޯލިހު

ވަރަށް ގިނަ މިސްޓޭކް ހެދިފައި އެބަހުރި: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގައި ދެވަނައަށް ވެއްޓުމުގައި ވަރަށްގިނަ "މިސްޓޭކް" ހެދިފައި އެބަހުރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ރައީސް ސޯލިހް ފޯނުން ދެއްވި އިންޓަވިއުއެއްގައި އެންމެ ފުރަތަމަވެސް ރައީސް ސޯލިހް ވިދާޅުވީ ވަރަށްގިނަ "މިސްޓޭކް" ހެދިފައި އެބަހުރި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު ގޮސްފައިވަނީ އުންމީދުކުރިގޮތަށް ނޫންކަން ފާހަގަކުރައްވާ ވިދާޅުވީ މިހާރު އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެނީ ވޯޓުލުމަށް ނިކުތް މީހުންގެ އަދަދު މަދުވުންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ އެބޭފުޅުންނަށް ވޯޓުލުމަށް ނިންމައިގެންތިބި ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވޯޓުލުމަށް ނުނެރެވި ތިބިކަމަށެވެ.

"އެހެންމަ އިދާރީގޮތުން ނިންމަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާކުޑަކުރެވިފަ، ބައެއް ދާއިރާއެއް ނޫން، ގާތްގަނޑަކަށް ހުރިހާ ދާއިރާއަކުން އެބަހުރި." ރައީސް ސޯލިހް ވިދާޅުވިއެވެ.

ބައެއް ދާއިރާތަކުގައި 300 އާ 400 އާ ގާތްކުރާ އަދަދަކަށް މީހުން ވޯޓުލުމަށް ނުނިކުމެ ހުރިކަމަށާއި އެކަންކަން ބަލާ އިތުރަށް ސަމާލުވާނެކަމަށް ވިދާޅުވިއެވެ.

ވޯޓުލާގަޑި 04:00 އަށް ނިންމާލާ އިތުރު ވަގުތު ނުދިނުމުން ހަވީރު ވޯޓުލުމަށް އަންނަންތިބި މީހުންނަށް ނާދެވުނީކަމަށް ބައެއް ދާއިރާތަކުގައި ބުނާ ކަމަށާއި، އެއީވެސް ވޯޓުލި މީހުންގެ އަދަދު މަދުވި ސަބަބަކަށް ވެދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބައެއް ދާއިރާތަކުގައި ވޯޓުލުމަށް މީހުން ނެރުމަށް ކުރިން ކުރާވަރަށް މަސައްކަތް ނުކުރެވޭކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ވަނީ 101،613 ވޯޓާއެކު 46.06 އިންސައްތަ ހޯއްދަވާފައެވެ. ދެވަނައަށް ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ 86،151 ވޯޓާއެކު 39.05 އިންސައްތަ ލިބިފައެވެ. އަދި ތިންވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބުނީ 15،835 ވޯޓާއެކު 7.18 އިންސައްތައެވެ.