Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު ރައީސް ނަޝީދު

ނަޝީދު ވަކިކުރުމުގެ ޖަލްސާ އާދީއްތަ ދުވަހުގެ ހެނދުނު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ބާއްވާ ޖަލްސާ ފެށޭ ހަފްތާ އާދީއްތަ ދުވަހުގެ ހެނދުނަށް ތާވަލު ކޮށްފިއެވެ.

ރައީސް ނަޝީދު މަގާމުން ދުރުކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

މި ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ އެންމެ ކަމެކެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ ނަޝީދު މަގާމުން ވަކިނުކޮށް މުއިއްޒު ހުވާ ކުރައްވައިފިނަމަ އެ ހުވާ ގަބޫލު ނުކުރައްވާނެ ކަމަށާއި، އެގޮތަށް ހުވާކުރެއްވުމަށްފަހު އެކުލަވާލާ ކެބިނެޓަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން ރުހުން ވެސް ނުދޭން އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.