Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު ޕޮލިސް

ޑްރަގްސް ގެއްލޭ މައްސަލަ: ނުކިއްސަރު ކަމެއް ނޯންނާނެ

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލަނީ. ފޮޓޯ: ޕޮލިސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ޑްރަގްސް ގެއްލޭ ކަމަށް ކުރެވޭ ތުހުމަތުގައި ވަރަށް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށާއި، މަސްތުވާތަކެތި ސްޓޯކުރުމުގެ ޕްރޮސެސް ތެރޭގައި "ނުކިއްސަރު އެއްވެސްކަމެއް" ނޯންނާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ޑްރަގްސް ގެއްލޭ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ.

ފުލުހުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޑްރަގްސް ގެއްލޭކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ ޗީފް ސްޕްރިޓެންޑެންޓް އަހުމަދު ޝާކިރު ވިދާޅުވީ ފުލުހުން އަތުލާ މަސްތުވާތަކެއްޗާމެދު އަމަލުކުރެވެނީ ވަރަށް ދެފުށްފެންނަ ގޮތަކަށް ކަމަށެވެ. ފުލުހުން މަސްތުވާތަކެތި ނައްތާލާއިރު އަބަދުވެސް މީޑިއާއަށް އަދި އާންމުންނަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވޭކަން ފާހަގަކޮށް ވިދާޅުވި މަސްތުވާތަކެތި ނައްތާލަނީ އެ ފަރާތްތައް ގެންގޮސްގެން ކަމަށެވެ. މިގޮތަށް މީހުން ގެންދާއިރު އެތަނަށްދާ ފަރާތްތަކުން ބޭނުންވާ ޕެކޭޖެއްނަގާ، އެ ޓެސްޓްވެސް ކުރާ ކަމަށް ވިދާޅުވިއެވެ. ޝާކިރު ވިދާޅުވީ މިފަދަ ބޮޑު ތުހުމަތެއް ކުރެވޭއިރު އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނާ އެކަމުގައި ސުވާލު ކޮށްފައިނުވާ ކަމަށެވެ. އެންމެފަހުން ފުލުހުން ނައްތާލީ 121 ކިލޯގެ ޑްރަގްސްކަމަށާއި މިހާރު ސްޓޯގައި ހުންނާނީ 21 ކިލޯގެ ޑްރަގްސް ކަމަށް ވިދާޅުވިއެވެ.

ޗީފް ސްޕްރިޓެންޑެންޓް އަހުމަދު ޝާކިރު ވިދާޅުވީ 241 ކޮމިޓީކަމަށް ވިޔަސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން ކަމަށްވިޔަސް، މަސްތުވާތަކެތި ރައްކާކުރެވިފައިހުރި ސްޓޯރޫމަށް ވަޑައިގެން ބައްލަވާ، އެބޭފުޅުން ބޭނުންވާނަމަ ޓެސްޓްކޮށް ނަތީޖާ ހާމަކުރުމަށްވެސް ފުލުހުން ތައްޔާރަށް ތިބިކަމަށެވެ. އެ ލެވަލްއަށް ވެސް ފުލުހުން ތައްޔާރު ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ސްޓޯކުރުމުގެ ޕްރޮސެސް ތެރޭގައި "ނުކިއްސަރު އެއްވެސްކަމެއް" ނޯންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވިދާޅުވިއެވެ.

"ހަމަ ރަނުންރަނަށް މީގަ ނެގޭ މަސްތުވާތަކެއްޗާ، އެއާގުޅޭ ހުރިހާ ޕްރޮސެސްއެއް ނައްތާލުމުގެ ޕްރޮސެސް މިއަށްވުރެއް ޓްރާންސްޕޭރެންޓްކޮށް ކުރެވޭނެ އެއްވެސް ގޮތެއް އޮވެއްޖިއްޔާމު ތިބޭފުޅުން ވިދާޅުވާންވީ،" ޗީފް ސްޕްރިޓެންޑެންޓް ޝާކިރު ވިދާޅުވިއެވެ.

މީގެއިތުރުން ޝާކިރު ވިދާޅުވީ ޑްރަގް އެންފޯސްމަންޓްގެ މުޅިތަނަކީ 24 ގަޑިއިރު މޮނީޓާ ކުރެވޭތަނެއް ކަމަށެވެ. އަދި އެތަން މޮނީޓާ ކުރަނީ ޑްރަގް އެންފޯސްމަންޓުންވެސް ނޫން ކަމަށާއި އެކަންކުރަނީ އެކަމަށް ހާއްސަ ވަކި ޑިޕާޓްމެންޓަކުން ކަމަށް ވިދާޅުވިއެވެ. ޝާކިރު ވިދާޅުވީ އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުން ނުވާކަމަށާއި އަދި ވަރަށް ހާމަކަންބޮޑު ގޮތެއްގައި 241 ކޮމިޓީގައި މިކަމަށް ޖަވާބުދާރީވާން ބޭނުންވާކަމަށެވެ. އަދި ސްޓޯރޫމަށް ހާޒިރުވެގެންވިޔަސް އަދި ޓެސްޓްކުރަން ބޭނުންވާނަމަ އެގޮތަށްނަމަވެސް ދިވެހި ފުލުހުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ. އެފަދަ ތުހުމަތެއްކުރާއިރު އެކަމުގެ އަސާސެއްވެސް ހާމަކޮށް ފެންނަން ނެތުމުން ހިތާމަކުރާކަމަށް ޝާކިރު ވިދާޅުވިއެވެ.

241 ކޮމިޓީގައި ވާހަކަ ދައްކަވަމުން މެންބަރު ހައިތަމް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި މަސްތުވާތަކެތީގެ ތެރެއިން ދެބައިކުޅަ އެއްބައި މަސްތުވާތަކެތި މީދާ ކާލައިފި ކަމަށް ދާދިފަހުން އަޑު އިވުނު ކަމަށާއި އަދި އެގޮތަށް ބަހައްޓާފައި ހުންނަ މަސްތުވާތަކެތި ގޮދަން ފުށަށް ވެގެންދާ ވާހަކަ ވެސް ވަރަށް ގިނައިން އަޑުއިވޭ ކަމަށް ހައިތަމް ވިދާޅުވިއެވެ. އޭގެ އިތުރަށް ބައެއް ފުލުހުން އެ މަސްތުވާތަކެތި ނަގައިގެން އިތުރަށް އޭގެ ވިޔަފާރިކުރާކަމުގެ އަޑުތައް ވެސް އިވޭ ކަމަށް ވިދާޅުވިއެވެ.