Last Updated: May 5, 21:32
Sunday, May 5, 2024
ރިޕޯޓް އެމްޑީޕީ

ފައްޔާޒާއެކު އެމްޑީޕީ ބޮޑު ދެ ބަލި، އިސްތިއުފާގެ އަޑު ގަދަވެއްޖެ

މިނިސްޓަރު ފައްޔާޒް އިސްމާއިލް--

މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. މިރާއްޖޭގެ ޑިމޮކްރަޓިކް ހަމަތައް ހިފަހައްޓާ ނެގެހެއްޓުމުގައި އެމްޑީޕީގެ ދައުރު ބޮޑެވެ. އެމްޑީޕީއަކީ ރާއްޖޭގެ ގިނަ ބައެއްގެ އުންމީދާ ގުޅިފައިވާ ޕާޓީއެވެ. އެހެންނަމަވެސް އެމްޑީޕީގެ މިއަދުގެ ހާލަތާމެދު ގިނަ ބައެއްގެ ހިތުގައި އޮތީ ކަންބޮޑުވުމާއި އުދާހެވެ.

އެމްޑީޕީގެ ލީޑާޝިޕަށް ބަދަލެއް އައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. ޕާޓީގެ އެންމެ މުހިންމު އެއް މަގާމުކަމުގައިވާ ޗެއާޕާސަންގެ މަގާމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިންތިހާބު ކުރެވުނެވެ. އެމްޑީޕީ "ހިންގާލަން" ފައްޔާޒް ގެނައުމަށްފަހު އެމްޑީޕީއާ ކުރިމަތިވީ ބޮޑު ދެ އިންތިހާބެކެވެ. 2023 ގެ ރިޔާސީ އިންތިހާބާއި 2024 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ.

ފައްޔާޒްގެ ލީޑާޝިޕްގައި އެމްޑީޕީ ކުރިމަތިލި ފުރަތަމަ ބޮޑު އިންތިހާބުން އެމްޑީޕީ ބަލިވީ ވަރުގަދަ ކެމްޕޭނެއްކޮށް، ބުރަ މަސައްކަތަކަށްފަހުއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނީ 86،000 ވޯޓާއެކު 39 އިންސައްތައެވެ. ދެވަނަ ބުރުގައި 108،000 ވޯޓާއެކު 46 އިންސައްތަ ލިބި ވެރިކަމުގެ ބާރު އެމްޑީޕީއަށް ގެއްލުނީއެވެ. އެމްޑީޕީ "ހިންގާލަން" ފެށި ދަތުރު ފަށަންޖެހުނީ މި ބައްޔާއެކެވެ.

ޕާޓީ އަލުން ކޮޅަށްޖަހާ، އާންމު މެންބަރުންނަށް އުންމީދެއްދީ ރާއްޖޭގެ ޑިމޮކްރަސީގެ ފާރަވެރިޔާގެ ގޮތުގައި މަސައްކަތް ކުރުމަށް ދެވަނަ ފުރުސަތެއް އެމްޑީޕީއަށް ލިބުނީ ރިޔާސީ އިންތިހާބަށްފަހު މާ ގިނަ ދުވަހެއް ނުވަނީހެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ ނިކުތްއިރު ވާދަނުކޮށް ބައެއް ދާއިރާތައް ދޫކޮށްލިއެވެ. ފައްޔާޒްގެ ލީޑާޝިޕްގައި އެމްޑީޕީ ބޮޑު ދެވަނަ އިންތިހާބެއްގައި ވާދަކުރިއިރު، އެ އިންތިހާބުގެ ނަތީޖާއިން މުޅި އެމްޑީޕީގެ އުންމީދުތައް މިވަނީ ފުނޑުފުނޑުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ލިބުނީ ހަމަ އެންމެ 12 ގޮނޑިއެވެ. ބޮޑު ވަރުގަދަ އެމްޑީޕީ، ފައްޔާޒްގެ ލީޑާޝިޕްގައި ޖެހިޖެހިގެން ބޮޑު ދެ ބަލިވީއެވެ. އެމްޑީޕީ "ހިންގާލަން" ނިކުތް ފައްޔާޒް އެމްޑީޕީ "ފަރަށް އަރުވާލީ" އެވެ. އެމްޑީޕީގެ ތާރީހުގައިވެސް ނުދެކޭހާ ބޮޑު ބައްޔަކުން އެމްޑީޕީ މިއަދު ބަލި ވެއްޖެއެވެ.

މިއީ އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވަންވީ ވަގުތެވެ. އާންމު މެންބަރުން ގޮވަނީ ލީޑާޝިޕްގެ ހަރުދަނާ ކުރުމަށެވެ. ޗެއާޕާސަން ފައްޔާޒްގެ އިސްތިއުފާއަށެވެ. އަލުން އެމްޑީޕީ ކޮޅަށްޖަހާ ޑިމޮކްރަސީގެ ހިމާޔަތުގައި، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތް އަލުން ފެށުމަށެވެ.