Last Updated: April 20, 09:35
Saturday, April 20, 2024
ޚަބަރު

ފަތުރުވެރިކަން ތަރައްޤީ ކުރެވޭނީ އެއާޕޯޓް ތަރައްޤީކޮށްގެން. އެކަން ކުރެވޭނީ މާލޭ ސަރަހައްދުގައި: ރައީސް ޔާމީން

ފަތުރުވެރިކަން އިތުރަށް ތަރައްޤީ ކުރެވެން އޮތީ އެއާޕޯޓް ތަރައްޤީ ކޮށްގެން ކަމަށާާއި އެކަން ކުރެވެން އޮތީ މާލޭ ސަރަހައްދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވެފައި ވަނީ ހައްދުންމަތީ ގާދޫ މީހުން އެއަތޮޅު ފޮނަދު އަށް ބަދަލުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދާއިރާ އަކީ ދިވެހިން އެންމެ މަތީދަރަޖައާއި ހަމައަށް ކާމިޔާބު ހާސިލް ކޮށްފައިވާ ކާމިޔާބު ދައްކުވާފައިވާ ދާއިރާއެއް ކަން ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރެވެން އޮތީ އެއާޕޯޓް ތަރައްޤީ ކޮށްގެން ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެކަން ކުރެވެން އޮތީ މާލޭ ސަރަހައްދުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ އިތުރު ރިސޯޓްތައް ހުޅުވިގެން. ކުރިއަށް ދެވެން އޮތީ ޓާމިނަލް ބޮޑުކޮށްގެން. މިކަން ކުރެވޭނީ މާލޭ ސަރަހައްދުގައި. އެހެން ސަރަހައްދެއްގައި މިކަން ނުކުރެވޭނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ނޫނީ އެއާޕޯޓް ތަރައްޤީ ނުކުރެވޭނެ ކަމަށް ވިދާޅުވި ނަމަވެސް މިއަދުގެ ޖަލްސާގައި ރައީސް ޔާމީން ވަނީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި މާލެ އާއި އަތޮޅު ތެރޭގެ ރައްޔިތުންނާއި ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.