Last Updated: April 19, 22:45
Saturday, April 20, 2024
ރިޕޯޓް

ޤާނޫނު އަސާސީ އާއި ޚިލާފް ވުން، މިރައީސް ދެކެވަޑައިގަންނަވަނީ އެއީ ޤާނޫނީ ޒިންމާއެއް ގޮތައް!

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއްްޔެ ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުން ސަރުކާރުން އެކި ފަރާތްތަކާ އެކު މިހާރު ކުރެވޭ މަޝްވަރާތަކުގައިވެސް ރައީސް ނަޝީދާއި އެހެނިހެން ސިޔާސީ ކުށްވެރިންގެ މައްސަލަތައް އަވަސްކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް އެދިފައި ވާ ކަމަށެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާގައި ހުރި މައްސަލަތައް ނުނިމި ލަސްވާ ކަމަށް ވާނަމަ މައްސަލަތައް އަވަސްކޮށްދެއްވުމަށް ދެންނެވުމަކީ ގާނޫނު އަސާސީން އެމަނިކުފާނަށް މަތި ކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

"ވަރަށް ފަހުން އަޅުގަނޑަށް މި އިލްތިމާސް މި އައީ. އަޅުގަނޑު އެނބުރި ގޮއްސަ ސުޕްރީމް ކޯޓުގައި ދަންނަވާނަން ރައީސް ނަޝީީދުގެ މައްސަލަ ކޮންމެވެސް އެއް ގޮތަކަށް ނިންމައިދެއްވަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައި ވެއެވެ. އެހެން ނަމަވެސް އޭގެ ތެރޭގައި ކޯޓުތަކުގައި މައްސަލަތައް އަވަސްކޮށްދިނުމަށް އެދި އިލްތިމާސް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތު ކަމުގައި ބަޔާންކޮށްފައެއް ނުވެއެވެ.

އެހެން ކަމުން މައްސަލަތައް އަވަސްކުރުމަށް އިލްތިމާސްކުރުމަކީ، ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އާއި މަތިކޮށްފައިވާ ޒިންމާއެއް ކަމުގައި ރައީސް ޔާމީން ވިދާޅުވި ވާހަކަ އަކީ ކަނޑައެޅިގެން ހެއްދެވި ބޮޑު އިތުރުފުޅެކެވެ.

ކޯޓުތަކުގައި ހިނގާ މައްސަލަތަކާއި މެދު ކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައި ކުއްލިއަކަށް މައްސަލަތައް އަވަސްކުރުމަށް އިލްތިމާސް ކުރުމަކީ ރައީސް ޔާމީން އަށް ޤާނޫނު އަސާސީ އިން މަތިކޮށްފައިވާ ޒިންމާއަކަށް ވުމަކީ މުޅިން އެހެން ވާހަކައެކެވެ.

ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވައި، ހަދައިގެން ނުވާނެ ކަމަށެވެ.

ޤާނޫނު އަސާސީ އާއި ޚިލާފަށް ޢަމަލު ކުރުމަކީ، "ޤާނޫނު އަސާސީ އިން މަތިކޮށްފައިވާ ޒިންމާއެއް" ކަމަށް ރައީސް ޔާމީން ދެކެވަޑައިގަންނަވަނީ ހެއްޔެވެ؟ ނުވަތަ އެއީ އެމަނިކުފާނު ވިދާޅުވާ ފަދަ ފަލްސަފާއެއް ހެއްޔެވެ؟