Last Updated: May 19, 20:07
Sunday, May 19, 2024
ޚަބަރު

ސްކޫލްތަކުގެ ދެވަނަ ފެތުމުގެ މުބާރާތް މިއަދު ހިތަދޫގައި ފަށަނީ

ރާއްޖޭގެ ސްކޫލްތަކަށް ބާއްވާ ދެވަނަ ފެތުމުގެ މުބާރާތް މިއަދު މެންދުރު ފަށާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މުބާރާތުގައި ބައިވެރިވާ މާލެ އާއި އަތޮޅު ތެރޭގެ ޓީމްތައް އިއްޔެގެ ނިޔަލަށް އައްޑޫއަށް ވަނީ އައިސްފައެވެ. އަދި މިއަދު ހެނދުނު ސްކޫލްތަކުގެ ދަރިވަރުން ވަނީ އެންމެ ފަހުގެ ފަރިތަ ކުރުން ކުރިއަށް ގެންގޮސްފައެވެ.

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގައި ކުރިއަށްދާ މިމުބާރާތުގައި އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތުގަިއ ވާދަކުރާ އުމުރު ފުރާތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރު ފުރަ އެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީ ވެސް މިމުބާރާތުގައި ހިމެނޭ ކަމަށް ސްވިމިން އެސޯސިއޭޝާނުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މި މެއި މަހުގެ 11 ވަނަ ދުވަހު 10 އަހަރާއި، 8 އަހަރާއި އަދި 6 އަހަރުން ދަށުގެ އުމުރު ފުރާތަކުގެ ފެތުން ތެރިންނަށް ޙާއްސަ ކޮށްގެން ބާއްވާ ކިޑްސް ސްވިމިންގ ފެސްޓިވަލްވެސް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.